ޚަބަރު

އިންޑިޔާގެ ރައީސްގެ މަޤާމަށް ދްރޫޕަދީ މުރުމޫ


އިންޑިޔާގެ ރިޔާސީ އިންތިޚާބު ދްރޫޕަދީ މުރުމޫ ކާމިޔާބު ކުރައްވައިފިއެވެ.

އިންޑިޔާގައި ރައީސަކު އިންތިޚާބު ކުރަނީ، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ދެ ގެއާއި، 28 ސްޓޭޓުގައިވާ މަޖިލިސްތަކާއި، ޔޫނިއަން ޓެރިޓަރީތަކުގެ މަޖިލީސްތަކުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އޭނާއާ ވާދަ ކުރައްވާފައި ވަނީ ޔަޝްވަންތް ސިންހާއެވެ. މި ކާމިޔާބީއާ އެކު މުރުމޫ ވެވަޑައިގަނެފައި މި ވަނީ، އެ ޤައުމުގެ ރައީސްކަމުގެ މަޤާމާ ހަވާލުވެވަޑައިގަންނަވާ ރަށްފުށުގެ އަވަށަކަށް ނިސްބަތްވާ ފުރަތަމަ އަންހެން ބޭފުޅާއަށެވެ.

މުރުމޫ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ވެރިކަން ކުރާ ބީ.ޖޭ.ޕީ.ގެ މެންބަރުން ވަނީ ވެރިރަށް ނިއުދިއްލީގެ މަގުތަކަށް ނިކުމެ އުފާ ފާޅުކުރަން ފަށާފައެވެ. އަދި، އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންނެވި ސިންހްވަނީ މުރުމޫއަށް މަރުޙަބާ ވިދާޅުވެފައެވެ.

އިންޑިޔާގެ މިހާރުގެ ރައީސް ރާމް ނާތް ކޯވިންދްގެ ދައުރު މި ޖުލައި މަހުގެ 24 ވަނަ ދުވަހު ހަމަވާނެއެވެ. އަދި، ޖެހިގެން އަންނަ ދުވަހު މުރުމޫ އިންޑިޔާގެ ރައީސްކަމުގެ މަޤާމުގެ ހުވައި ކުރައްވައި، އެ މަޤާމާ ރަސްމީކޮށް ހަވާލުވެ ވަޑައިގަންނަވާނެއެވެ.