ޚަބަރު

"ހަންގާ ގޭމްސް" ގެ ޕްރީކުއަލްގައި ކާސްކާގެ ރޯލުން ޑިންކްލޭޖް


ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ހޮލީވުޑްގެ ފްރެންޗައިޒް "ހަންގާ ގޭމްސް" ގެ ޕްރީކްއެލް "ހަންގަ ގޭމްސް: ދަ ބެލޭ އޮފް ސޯންގްބާޑްސް އެންޑް ސްނޭކްސް" ގެ ކާސްޓުގައި ޕީޓާ ޑިންކްލޭޖް ހިމެނިއްޖެއެވެ. މި ސީރީޒްގައި ޑިކްންލޭޖް ކުޅޭނީ ކާޒްކާ ހައިބޮޓަމްގެ ރޯލެވެ.

މަޝްހޫރު ސީރީޒް "ގޭމް އޮފް ތުރޯންސް" ގައި ޓައިރިއޯންގެ ކެރެކްޓާ ކުޅުނު ޑިންކްލޭޖްގެ އިތުރުން މީގެ ކާސްޓުންގެ ތެރޭގައި ޓޮމް ބްލީތު އަދި ރެޗެލް ޒެގްލާވެސް ހިމެނެއެވެ.

"ހަންގާ ގޭމްސް" ގެ 3 ފިލްމު ޑައިރެކްޓުކުރި ފްރާންސިސް ލޯރެންސް ޑައިރެކްޓުކުރާ މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރު ނޮވެމްބަރު 17 ގައެވެ.

"ހަންގާ ގޭމްސް: ދަ ބެލޭ އޮފް ސޯންގްބާޑްސް އެންޑް ސްނޭކްސް" ގައި ކިޔާދޭނީ "ހަންގާ ގޭމްސް" ފިލަމުތަކުގައި ކިޔައިދިން ހާދިސާތަކުގެ 64 އަހަރު ކުރީގެ ވާހަކަތަކެކެވެ.
މި ފިލްމަކީ ލިޔުންތެރިޔާ ސުޒާން ކޮލިންސް 2020 ވަނަ އަހަރު ނެރުނު ވާހަކަ "ދަ ބެލޭ އޮފް ސޯންގްބާޑްސް އެންޑް ސްނޭކްސް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ.

ސައިންސް ފިކްޝަން އެޑްވެންޗަރއެއް ކަމަށްވާ "ހަންގާ ގޭމްސް" ގެ 4 ފިލްމެއް ވަނީ ދައްކާފައެވެ. މީގެ ފުރަތަމަ ބައި ދެއްކީ 2012 ވަނަ އަހަރު އެވެ. ދެވަނަ ބައި 2013 ވަނަ އަހަރު ގެނެސްދިނުމަށް ފަހު، ތިން ވަނަ ބައި "މޮކިންޖޭ ޕާޓް ވަން" 2014 ވަނަ އަހަރު ގެނެސްދިނެވެ. އަދި "ޕާޓް 2" ގެނެސްދިނީ 2015 ވަނަ އަހަރުއެވެ.