ޚަބަރު

ޓައިގާ ޝްރޮފް އަނެއްކާވެސް ދަރުމާގެ ފިލްމަކަށް ސޮއިކޮށްފި


"ސްޓޫޑެންޓް އޮފް ދަ ޔިއާ 2" އަށްފަހު ބޮލީވުޑް ތަރި ޓައިގާ ޝްރޮފް އަނެއްކާވެސް ދަރުމާ ޕްރޮޑަކްޝަންގެ ފިލްމަކަށް ސޮއިކޮށްފިއެވެ.

ޓައިގާގެ މިފަހަރުގެ ފިލްމަކީ ޖާންވީ ކަޕޫރު ބޮލީވުޑަށް ތަޢާރަފްވި 2018 ވަނަ އަހަރު ދެއްކި ފިލްމު "ދަޅަކް" ގެ ޑައިރެކްޓަރު ޝަޝަންކް ކައިތާން ޑައިރެކްޓުކުރާ އެކްޝަން ފިލްމެކެވެ.

އަންނަ ސެޕްޓެމްބަރުގައި މަސައްކަތް ފަށަން ހަމަޖެހިފައިވާ މި ފިލްމުގައި ޓައިގާ އާއެކުގައި ދެން ފެންނާނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި އައްލޫ އަރުޖުންގެ "ޕުޝްޕާ : ދަ ރައިޒް"ގެ ބަޠަލާ ރަޝްމިކާ މަންދަންއެވެ.

"ސްކްރޫ ދީލާ" ގެ ނަމުން ނަން ދީފައިވާ މި ފިލްމުގެ ޝޫޓިންގެ ފުރަތަމަ ޝެޑިއުލް ޝޫޓް ކުރާނީ ޔޫރަޕްގައެވެ. އަދި އަންނަ އަހަރު ފިލްމު ބެލުންތެރިންނާއި ހަމައަށް ގެނެސްދެވޭވަރުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޑައިރެކްޓަރު ޝަޝަންކްގެ އެންމެ އަވަހަށް ގެނެސްދޭނެ ފިލްމަކީ ވިކީ ކޯޝަލްގެ "ގޯވިންދާ މޭރާ ނާމް" އެވެ. މީގެއިތުރުން އެކްޓަރު ސަންޖޭ ކަޕޫރްގެ ދަރިފުޅު ޝަނާޔާ ކަޕޫރް ބޮލީވުޑަށް ތައާރަފްކުރާ ފިލްމު "ބޭދަޅަކް" ގެ ޑައިރެކްޓަރަކީ ވެސް ޝިޝާންކެވެ. އޭގެ ޝޫޓިން އަންނަ އަހަރު ކުރީކޮޅު ފަށާނެ ކަމަށް ޕްރޮޑިއުސަރު ކަރަން ވަނީ ބުނެފައެވެ.

މިހާރު އުމުރުން 26 އަހަރުގެ ރަޝްމިކާ އެންމެ އަވަހަށް ފެންނާނީ އަމީތާބު ބައްޗަންއާއިއެކު ފެންނަ ފިލްމު "ގުޑް ބާއި" އެވެ. ވިކާސް ބާލްގެ މި ފިލްމު ވަނީ މިހާރު ވަނީ ޝޫޓްވެސްކޮށް ނިމިފައެވެ. މީގެއިތުރުން މިހާރު ޝޫޓިން ކުރިއަށް ފިލްމު "އެނިމަލް" އިންވެސް ރަޝްމިކާ ފެންނާނެއެވެ. މި ފިލްމުގައި ރަޝްމިކާއާއިއެކު ރަންބީރު ކަޕޫރުވެސް މީގައި ފެންނާނެއެވެ.