ޚަބަރު

އެމެރިކާގައި ފިނިހޫނުމިން އިންތިހާއަށް މަތިވާނެކަމުގެ އިންޒާރު


އެމެރިކާގެ އެކި ސްޓޭޓްތަކަށް އިންތިހާއަށް ފިނިހޫނުމިން މަތިވާނެ ކަމަށް އިންޒާރު ކޮށް، މި ކަމުގެ އަސަރު 100 މިލިޔަނަށް ވުރެ ގިނަ މީހުންނަށް ކުރާނެ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާތަކުން ބުނެފިއެވެ. އެ ޤައުމަށް ކުރިމަތިވެފައިވާ ހޫނުގެ ތޫފާނުގައި ބައެއް ސަރަޙައްދުތަކުގައި ފިނިހޫނުމިން 44.4 ޑިގްރީ ސެލްސިއެސްއަށް އުފުލޭނެ ކަމަށް ބެލެވެއެވެ.

އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާ (އެން.ޑަބްލިޔު.އެސް)އިން ބުނީ ނިއުޔޯކްގައި ފިނިހޫނުމިން ގާތްގަނޑަށް 38 ޑިގްރީ ސެލްސިއެސްއަށް އުފުލޭނެ ކަމުގައެވެ. އަދި، ޓެކްސަސްއާއި ލުއިޒިއާނާގެ އިތުރުން އާކެންސޯގައި ފިނިހޫނުމިން ރެކޯޑު މިންވަރަކަށް އުފުލޭނެ ކަމަށް ވެސް އެ އިދާރާއިން އިންޒާރު ކުރެއެވެ. ފިނިހޫނުމިން އެންމެ މައްޗަށް އުފުލޭނެ ކަމަށް ބެލެވެނީ ޓެކްސަސްގެ ޑެލެސްގައެވެ. އެ ރަށުގައި ފިނިހޫނުމިން 44.4 ޑީގްރީއަށް އުފުލޭނެ ކަމަށް އެން.ޑަބްލިޔު.އެސް.އިން ލަފާ ކުރެއެވެ.

ހޫނުގެ ސަބަބުން އަސަރުކޮށްފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ސްޓޭޓްތަކުގެ އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، ފިނިހޫނިމިން އިންތިހާއަށް އުފުލެމުންދާ ރަށްތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ވަނީ އައްސޭރި ފަށުގައިވާ ރަށްތަކަށް ދަތުރު ކުރަން ފަށާފައެވެ.

މި ކަމާ ގުޅިގެން އެއާކޮންޑިޝަންތައް ބޭނުންކުރާ މިންވަރު އިތުރުވެ، ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވުމާ އެކު ވައި ނުސާފުވާ މިންވަރު ވެސް އިތުރުވާނެ ކަމަށް އެން.ޑަބްލިޔު.އެސް.އިން ލަފާ ކުރެއެވެ. އަދި، މި ކަމާ ގުޅިގެން ވިހަ ގޭހެއް ކަމުގައިވާ ކާބަންޑައިއޮކްސައިޑް އުފެދޭ މިންވަރު އިތުރުވެ، ފިނިހޫނުމިނަށް އިތުރަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ވެސް ބެލެވެއެވެ. ނިއު އިންގްލެންޑުގައި މިހާރު ވެސް ކާބަންޑައިއޮކްސައިޑް އުފެދޭ މިންވަރު ވަނީ 123 މެޓްރިކް ޓަނަށް އިތުރުވެފައެވެ.

ވިލާތުގެ ޤައުމުތަކަށް ވެސް ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގައި ވަނީ ގަދަ ހޫނާއި ކުރިމަތިލާން ޖެހިފައެވެ. ގަދަ ހޫނާއެކު ވިލާތުގެ ބައެއް ޤައުމުތަކުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވައިލުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ދާއިރު، އިނގިރޭސި ވިލާތުގައި ވެސް ފިނިހޫނުމިން ވަނީ 40 ޑިގްރީ ސެލްސިއެސްއަށް ވުރެ މައްޗަށް އުފުލިފައެވެ. އަދި، މިކަމާ ގުޅިގެން ބައެއް ސަރަޙައްދުތަކުގެ ޖަންގަލިތަކުގައި ރޯވެފައި ވާއިރު، ޢާންމު ދަތުރުފަތުރުގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑުނެވެ.