ޚަބަރު

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހުދީންގެ އަސްކަރީ ޑުރޯނުތައް


ފަލަސްތީނުގެ މުސްލިމް ރައްޔިތުން ޝަހީދު ކުރުމާއި މުސްލިމުންގެ ގެދޮރު ނެތިކޮށްލުމަށް ހަތިޔާރު އެޅި އަސްކަރީ ޑްރޯން ބޭނުން ކުރަމުންދާ ކަމަށް އިސްރާޢީލުން އެންމެ ފަހުން އެއްބަސްވެއްޖެއެވެ. އިސްރާޢީލުގެ އަސްކަރިއްޔާއިން މި ކަމަށް އެއްބަސްވެފައި މި ވަނީ، ކުރިން ސިއްރުކޮށްފައިވާ މިކަމާ ގުޅޭ ރިޕޯޓުތަކެއް އެ ޤައުމުގެ އަސްކަރިއްޔާގެ ސިއްރުތަކާ ބެހޭ އޮފީހުން ހާމަކުރުމާ ގުޅިގެންނެވެ.

ހަތިޔާރު އެޅި އަސްކަރީ ޑްރޯން ބޭނުންކޮށް، އިސްރާޢީލުގެ އަސްކަރިއްޔާއިން ހުޅަނގު އައްސޭރިއާއި ޣައްޒާގެ މުސްލިމް ރައްޔިތުން ޝަހީދު ކުރަމުންދާ ކަމަށް ބުނެ، އެ ކަން ކުށްވެރިކޮށް ފަލަސްތީނުން އަޑު އުފުލަމުންދާތާ މިހާރު އެތަކެއް އަހަރުތަކެއް ފާއިތުވެއްޖެއެވެ. ނަމަވެސް، އިސްރާޢީލުން މިހާތަނަށް ދިޔައީ އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ. އަދި، މިކަމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ހުރިހާ ރިޕޯޓެއް އެ ޤައުމުގެ އަސްކަރިއްޔާގެ ސިއްރުތަކާ ބެހޭ އޮފީހުން ވަނީ ސިއްރު ކޮށްފައެވެ.

އީރާނާއި ލުބުނާނުގެ ސަރަޙައްދުތަކަށް ވެސް އިސްރާޢީލުގެ އަސްކަރިއްޔާއިން މިފަދަ ޑްރޯންތައް ބޭނުންކޮށްގެން ހަމަލާ ދެމުން ދާ ކަމަށް ބައިނަލްއަޤްވާމީ މީޑިޔާތަކުން މީގެ ކުރިން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް، އިސްރާޢީލުން މިކަމާ ގުޅޭ ހުރިހާ މަޢުލޫމާތެއް ސިއްރުކޮށްފައި އޮތުމުން، މީޑިޔާތަކަށް އެ ރިޕޯޓުތައް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

އިސްރާޢީލުގެ އަސްކަރިއްޔާގެ ސިއްރުތަކާ ބެހޭ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ޑްރޯން ބޭނުންކުރުމާ ގުޅޭ ރިޕޯޓުތައް ހާމަކުރުމުގައި މިހާރު އެއްވެސް ހުރަހެއް އޮތް ކަމަށް ޤަބޫލު ނުކުރާ ކަމުގައެވެ. ނަމަވެސް، ޑްރޯންތަކުގެ ފަންނީ މަޢުލޫމާތު ޢާންމު ކުރުމަކީ އަދިވެސް މަނާކަމެއްގެ ގޮތުގައި އޮތީ ކަނޑައަޅާފައެވެ. މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް އަސްކަރީ ޑްރޯން ގެންގުޅޭ ޤައުމަކީ އިސްރާޢީލެވެ.