ދުނިޔެ

ރަޝިޔާ ބޯޓު ވައްޓާލި މައްސަލައިގައި އިތުރު ބަޔަކު ހައްޔަރު ނުކުރޭ


މިދިޔަ އޮކްޓޯބަރު މަހު މިސްރުގެ ސީނާޢީ ސަރަހައްދުގެ މަތިން ދަތުރުކުރަމުން ދަނިކޮށް ރަޝިޔާގެ ފަސިންޖަރުން އުފުލާ މަތިންދާބޯޓެއް ވައްޓާލި މައްސަލައިގައި އިތުރު މީހަކު ހައްޔަރުނުކުރާ ކަމަށް މިޞްރުން ހާމަކޮށްފިއެވެ.މިޞްރުގެ ދާޚިލީ ވުޒާރާއިން ހާމަކޮށްފައިވަނީ މިމައްސަލައިގައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާގައި އަޑު ފެތުރުނު ނަމަވެސް، އަދި އިތުރު ބަޔަކު ފަލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާ ކަމަށެވެ. މިޞްރުގެ ދާޚިލީ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ މިސްރުގެ ޤައުމީ އެޔަރލައިން އިޖީޕްޓް އެޔަރގައި މެކޭނިކެއްގެ ގޮތުގައި މަސައްކަތް ކުރާ މީހަކު ރަޝިޔާގެ މަތިންދާބޯޓުގައި ބޮމެއް ހަރުކުރި ކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ބައިނަލްއަޤްވާމީ މީޑިއާގައި ޚަބަރު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.ރަޝިޔާގެ މަތިންދާ ބޯޓުގައި ބޮމެއް ހަރުކޮށް ވައްޓާލި ކަމަށް އެޤައުމާއި ހުޅަނގުގެ ބާރުތަކުން ބުނި ނަމަވެސް މިކަމުގެ ހެކި ފެނިފައި ނުވާ ކަމަށް މިޞްރުން ވަނީ ބުނެފައެވެ.މި ޙާދިސާގައި ބޯޓުން ދަތުރުކުރަމުން ދިޔަ 224 މީހުން ވަނީ މަރުވެފައެވެ.