ޚަބަރު

އޮސްޓްރޭލިޔާގައި ކޮވިޑް ޖެހިގެން ރެކޯޑް އަދަދެއްގެ ބަޔަކު އެޑްމިޓްކުރަނީ


އޮސްޓްރޭލިޔާގައި ކޮވިޑް-19 ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ރެކޯޑު އަދަދަކަށް މައްޗަށް އަރައިފިއެވެ. އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ކޮވިޑްގެ އޮމިކްރޯން ވޭރިއެންޓް ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. ފާއިތުވި ހަތް ދުވަހުގެ ތެރޭގައި އެ ޤައުމުގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 300,000 އަށްވުރެ މައްޗަށް އަރާފައެވެ.

ބުދަ ދުވަހު އެކަނި ވެސް އެ ޤައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު 53,850 އަށް އަރައެވެ. މިއީ ފާއިތުވި ދެ މަސްދުވަހުގެ ނަންބަރުތަކަށް ބަލާއިރު ރެކޯޑު އަދަދެކެވެ. މިއީ އެ ޤައުމުގައި އޮމިކްރޯން ފެތުރޭ ތިންވަނަ ރާޅެވެ. ގިނަ މީހުންނަށް ބަލި ޖެހިފައި ވަނީ ހަލުވިކަމާއެކު ފެތުރޭ ދެ ސަބް-ވޭރިއެންޓްތައް ކަމުގައިވާ ބީއޭ.4 އަދި ބީއޭ.5 އެވެ.

ނަމަވެސް، ބޮޑުވަޒީރު އެންތަނީ އެލްބަނީސް ގެންދަވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ދެކޮޅު ހައްދަވަމުންނެވެ. މި ގޮތުން، މީހުން އެއްވާ ތަންތަނުގައި މާސްކު އެޅުން ފަދަ ފިޔަވަޅުތައް މަޖުބޫރު ކުރުވަން އެކި ފަރާތްތަކުން ދަނީ އޭނާއަށް ބާރު އަޅަމުންނެވެ.

އެލްބަނީސް ވިދާޅުވީ މަޖުބޫރު ނުކުރި ނަމަވެސް މާސްކު އެޅުން ފަދަ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަކީ މިހާރު ވެސް ޢާންމުންނަށް ކުރެވޭނެ ކަމެއް ކަމުގައެވެ. އަދި، ޢާންމު ދަތުރުފަތުރުގެ ޚިދުމަތްތައް ބޭނުން ކުރާ މީހުން މިހާރު ވެސް މާސްކު ނާޅާ ކަމަށާއި، މަޖުބޫރުކޮށްގެން އެ ކަން ކުރުވުމުގެ ބޭނުމެއް ނެތް ކަމުގައެވެ. ނަމަވެސް، މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް އޮސްޓްރޭލިޔާ ސަރުކާރުން ވަނީ ވިޔަފާރިތަކަށް ގޮވައިލާފައެވެ.

ޗައިނާގައި ވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަންގާރަ ދުވަހު އެ ޤައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު 1,012 އަށް އަރައެވެ. މިއީ މޭ 20 އިން ފެށިގެން އަދާހަމައަށް ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު 1,000 އަށްވުރެ މައްޗަށް އެރި ފުރަތަމަ ފަހަރެވެ.

ހޯމަ ދުވަހު އެ ޤައުމުގައި ބަލި ޖެހުނީ 776 މީހުންނަށެވެ. އަދި ބުދަ ދުވަހު ބަލި ޖެހުނު މީހުންގެ ތެރެއިން 150 މީހުން ފިޔަވައި އެހެން އެއްވެސް މީހެއްގެ ފުށުން ބަލީގެ ޢަލާމާތްތައް ފެނިފައި ނުވާ ކަމުގައި އެ ޤައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެއެވެ. މި ބަލީގައި ޗައިނާއިން މަރުވި މީހުންގެ އަދަދަށް ބަދަލެއް ނާދެއެވެ.

ކޮވިޑާ ގުޅިގެން ޗައިނާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތާ ގުޅޭ ގޮތުން އެ ޤައުމުގެ ބޮޑުވަޒީރު ލީ ކިއެޗަންގް ވިދާޅުވީ އިޤްތިޞާދީ ދުވެލި ހަރުދަނާ ކުރަން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމުގައެވެ. އަދި، ރާވާފައި އޮތް ގޮތަށް އަންނަ ސެޕްޓެންބަރު މަހާއި އޮކްޓޫބަރު މަހުގެ ކުރީކޮޅު އެ ޤައުމުގައި އޭޝިޔަން ގޭމްސް ކުޅިވަރު މުބާރާތް ބާއްވާނެ ކަން ވެސް އެ ޤައުމުން ވަނީ އިޢުލާނު ކޮށްފައެވެ.

ވިލާތުގެ ޤައުމުތަކުގައި ވެސް އޮމިކްރޯންގެ ސަބް-ވޭރިއެންޓްތައް ހަލުވިކަމާ އެކު ދަނީ ފެތުރެމުންނެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ވަނީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެ ޤައުމުތަކަށް ގޮވައިލާފައެވެ. ވިލާތުގެ ޤައުމުތަކަށް ހުންނަވާ ޑަބްލިޔު.އެޗް.އޯ.ގެ ރީޖަނަލް ޑިރެކްޓަރ ހާންސް ކްލޫގަރ ވިދާޅުވީ، ކުރިއަށް އޮތް ފިނި މޫސުމުގައި ކޭސްތަކުގެ އަދަދު އިތުރުވެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ބާރު ބޮޑުވިޔަ ނުދިނުމަށް މިހާރުން ފެށިގެން ފިޔަވަޅުތައް އެޅުން މުހިންމު ކަމުގައެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވިލާތުގެ ޤައުމުތަކުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ތިން މިލިޔަނަށްވުރެ މައްޗަށް އަރާފައެވެ. މިއީ، މުޅި ދުނިޔޭގައި ވެސް އެ ހަފުތާގައި ބަލި ޖެހުނު މީހުންގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ބޮޑު އަދަދެކެވެ. އަދި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވަނީ ދެގުނައަށް އިތުރުވެފައެވެ. ވިލާތުގެ ޤައުމުތަކުގައި ކޮންމެ ހަފުތާގައި މި ބަލީގައި މަރުވާ މީހުންގެ އަދަދު 3,000 އަށްވުރެ މައްޗަށް އަރައެވެ.