ނިންމުންތައް ނިންމުމުގައި ކަމާގުޅޭ އެންމެންގެ ބަސް ހޯދައިގެން ނިންމުމަކާއި ހިސާބަށް ދިޔުމަކީ އެކަމުން ފައިދާ ލިބިގެންދާނެކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިހެން ވިދާޅުވީ "އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތު ކެއަރ ޕްރޮފެޝަނަލްސް"ގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ބަނޑޮސް މޯލްޑިވްސްގައި ކުރިއަށްދިޔަ މި ކޮންފަރެންސްގެ ތީމްއަކީ "މޫވިންގް ފްރޮމް ސައިލޯސް ޓު ސައިނަރޖީ"އެވެ. މި ކޮންފަރެންސަކީ މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަނާއި، އެވިޑެންސް ބޭސްޑް ޕްރެކްޓިސް ހެލްތް ޗެމްޕިއަންސް މޯލްޑިވްސްއިން ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ކޮންފަރެންސެކެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވީ ކޮންފަރެންސްގެ ބައިވެރިންނަށް ލިބުނު މަޢުލޫމާތުގެ ސަބަބުން ޞިއްޙީ ދާއިރާގެ ޚިދުމަތްދެއްވުމުގައި ކުރިއެރުންތަކެއް ލިބި ރަނގަޅު ނަތީޖާއެއް ފެންނާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި އެކަމަނާ ވަނީ ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން ބަލި މީހުންނަށް ފަރުވާ ދެއްވުމުގައި ޙާލަތާއި އެކަށޭނަ ރަނގަޅު ނަތީޖާ ނެރެވޭނެ ފަދަ ގޮތަކަށް ފަރުވާ ކުރިޔަށް ގެންދެވުމަށް ބާރު އަޅުއްވާފައެވެ. މީގެއިތުރުން ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގައި ރަނގަޅު ލީޑަރޝިޕެއް އޮތުމަކީ މުހިންމުކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
"ތަޢުލީމީ ދާއިރާގައި މަސައްކަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ދަންނަވަން ބޭނުންވަނީ ނިންމުންތައް ނިންމުމުގައި ކަމާގުޅޭ އެންމެންގެ ބަސް ހޯދައިގެން ނިންމުމާ ހިސާބަށް ދިޔުމުން އެއީ އޭގެން ފައިދާތައް ލިބިގެންދާނެކަމެއްކަން. މީގެ އިތުރުން ސިޔާސަތުތައް ކަނަޑައަޅާ ފަރާތްތަކުން ގޮންޖެހުންތަކުން އަރައިގަތުމުގައި ކަމާގުޅޭ ފަރާތްތަކުގެ ބަސް ހޯދުމަކީ ވަރަށް މުހިންމުކަމެއް" ފަޒްނާ އަހްމަދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ނަރސަސް އެސޯސިއޭޝަންގެ ރައީސާ އައިމިނަތު ނަޝްފާ ވިދާޅުވީ ނިމިގެންދިޔަ ކޮންފަރެންސްއަކީ އޭގެ ސަބަބުން ރައްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. އެގޮތުން ކޮންފަރެންސްގައި ހުށަހަޅާފައިވާ ރިސަރޗްތަކުން ސިއްޙީ ދާއިރާއާއި ގުޅުންހުރި އެންމެ ފަހުގެ ކަންތައްތައް އެނގިގެންގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
“މި ކޮންފަރެންސްއިން އެނގިގެންގޮސްފައިވާ މައުލޫމާތުތަކަކީ އަޅުގަނޑުމެންގެ އަމަލީ މަސައްކަތްތަކުގައިވެސް ބޭނުންކުރަންޖެހޭފަދަ މުހިންމު ކަންތައްތަކެއް. އަދި މި ކޮންފަރެންސްގައި ޕްރެކްޓިސްކޮށްފައިވާ ކަންތައްތަކަކީ ދާއިރާގައި ހަރަކާތްތެރިވާ އެހެނިހެން ފަރާތްތަކަށްވެސް ފޯރުކޮށްދޭންޖެހޭ ކަންތައްތަކެއް" މޯލްޑިވްސް ނަރސަސް އެސޯސިއޭޝަންގެ ރައީސާ އައިމިނަތު ނަޝްފާ ވިދާޅުވިއެވެ.
3 ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޞިއްޙީ ދާއިރާގައި ބޭނުން ހިފަން އެންމެ ރަނގަޅު ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ފުރުޞަތު ފަހިކޮށްދިނުމެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޮންފަރެންސްގައި ކަރުދާސް ހުށަހެޅުއްވި ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން އެބޭފުޅުންނާ ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވާފައެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހޮސްޕިޓަލްތަކުން ވަނީ ބައިވެރިވެފައެވެ.