ޚަބަރު

ލަންކާގެ ރައީސްކަން ރަނިލް ވިކްރަމަސިންހައަށް


ސްރީލަންކާގެ އައު ރައީސް އިންތިޚާބު ކުރުމަށް ޤާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓު ވަގުތީ ރައީސްގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ކާމިޔާބު ކުރައްވައިފިއެވެ. ހަވަނަ ދައުރަކަށް ސްރީލަންކާގެ ބޮޑުވަޒީރުގެ މަޤާމު ފުރުއްވަމުން ގެންދަވާ ވިކްރަމަސިންހަ އިންތިޚާބު ކާމިޔާބު ކުރެއްވީ ޤާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުގައި 134 މެންބަރުންގެ ތާޢީދު ހޯއްދަވައިގެންނެވެ.

އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ދުލާސް އަލަހައްޕެރުމާއަށް ލިބިވަޑައިގަތީ 82 ވޯޓެވެ. މި އިންތިޚާބުގައި ދެން ވާދަކުރެއްވި އަނޫރާ ކުމާރަ ޑިސަނަޔަކޭއަށް ލިބިވަޑައިގެންނެވީ އެންމެ ތިން ވޯޓެވެ. 225 މެންބަރުން ހިމެނޭ ޤާނޫނު ހަދާ މަޖިލީހުގައި ބޭއްވި ވޯޓުގައި ބައިވެރިވެ ވަޑައިގަތީ 223 މެންބަރުންނެވެ. ސްރީލަންކާގެ ސަރުކާރާ ދެކޮޅު ގިނަ ޕާޓީތަކުން އަލަހައްޕެރުމާއަށް ތާޢީދުކުރާ ކަން އިންތިޚާބުގެ ކުރިން އިޢުލާނު ކޮށްފައިވެއެވެ. މީގެ ތެރޭގައި އިދިކޮޅު ލީޑަރު ސުޖިތު ޕްރެމަދާސަ ވެސް ހިމެނެއެވެ.

އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިކްރަމަސިންހަ ވިދާޅުވީ، ޤައުމު މިހާރު ވެއްޓިފައި އޮތް އިޤްތިޞާދީ އަޑިގަނޑުން ސަލާމަތްވެވޭނީ އެއްބައިވަންތަކަށް އިސްކޮށްގެން ކަމުގައެވެ. އަދި، ޤައުމުގެ މިސްރާބު ބަދަލު ކުރުމަށް ހުރިހާ ޕާޓީތަކުން ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް އޭނާ ގޮވައިލެއްވިއެވެ.

ނަމަވެސް، ވިކްރަމަސިންހައަކީ ސްރީލަންކާގެ ޢާންމު ރައްޔިތުންގެ މެދުގައި މަޤުބޫލު ބޭފުޅެއް ނޫނެވެ. އެ ޤައުމަށް ކުރިމަތިވެފައިވާ ކާރިސާއިން ސަލާމަތް ކުރުމަށް އޭނާއާއި، އިސްތިޢުފާ ދެއްވި ރައީސް ގޮތަބަޔާ ރާޖަޕަކްސައާއި އޭނާގެ ޢާއިލާ ފެއިލްވެފައިވާ ކަމުގައި އެ ޤައުމުގެ ގިނަ ރައްޔިތުން ޤަބޫލު ކުރެއެވެ. އަދި، އޭނާގެ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ބޭއްވުމަށް އެ ޤައުމުގެ ރައްޔިތުން މިހާރު ވެސް ދަނީ ތައްޔާރު ވަމުންނެވެ.

މިއީ، ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުން ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަޤާމަށް އައު ބޭފުޅަކު އިންތިޚާބު ކުރުމަށް ބޭއްވި ފުރަތަމަ ވޯޓެވެ. އަދި، އެ މަޤާމުގައި ހުންނެވި ބޭފުޅަކު ދައުރު ފުރިހަމަ ނުކުރައްވާ އިސްތިޢުފާ ދެއްވި ވެސް ފުރަތަމަ ފަހަރެވެ. ނަމަވެސް، 1993 ވަނަ އަހަރު، އޭރުގެ ރައީސް ރަނާސިންހަ ޕްރެމަދާސަ އަވަހާރަކޮށްލުމާ ގުޅިގެން، އައު ރައީސަކު އިންތިޚާބު ކުރުމަށް ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުން ވޯޓަށް އަހާފައިވެއެވެ. އެއީ، ސްރީލަންކާގެ މިހާރުގެ އިދިކޮޅު ލީޑަރު ސުޖިތު ޕްރެމަދާސަގެ ބައްޕާފުޅެވެ. އެ އަހަރު، ރައީސްގެ މަޤާމަށް ޢިންތިޚާބު ކުރައްވާފައި ވަނީ، ވަގުތީ ރައީސްގެ މަޤާމު ފުރުއްވަމުން ގެންދެވި ޑީ.ބީ. ވިޖޭތުންގައެވެ.