ވިޔަފާރި

މަޖިލިސް ހުޅުވުމުގެ ކުރިން، ޓެކްސް ބޮޑުކުރުމުގެ ބިލް ހުށަހަޅަނީ


އަންނަ ދައުރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެކުރިން ޓެކްސް ބޮޑުކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިމަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.

ފިނޭންސް މިނިސްޓްރީން ނިންމާފައިވަނީ ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ. އެހެންކަމުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށެވެ. ޖީއެސްޓީ ބޮޑުކުރަނީ މިބޭނުމުގައެވެ.

މިނިސްޓްރީން ވިދާޅުވީ ޓެކްސް ބޮޑުކުރުމާއެކު ޓެކްސްދައްކަން ޖެހޭ ފަރާތްތަކަށް 6 މަހުގެ މުއްދަތެއް ދިނުމަށްޓަކައި މަޝްވަރާތައް ކުރައްވަމުން އަންނަކަމަށެވެ. އަދި ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކާ އަޅާބަލާއިރު ދަށްކޮށްކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމާއި ދަޢުލަތުގެ ޚަރަދުކުޑަކުރުމުގެ ގޮތުން ސަބްސިޑީ ރިފޯމް ކުރުމާށާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އިތުރަށް ހަރަދަނާކޮށް ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސަރުކާރުން މިހާރު ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ އިތުރަށް އެހެން އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުގެންދިޔުމަށާއި ހިންގުމުގެ ޚަރަދުތައްވެސް ކުޑަކުރުމަށް ވަނީ ނިންމާފައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ކޯވިޑާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް އެރި ލޮޅުމާއެކު ރާއްޖޭގެ އިޤްތިޞާދަށްވެސް ބޮޑު ހީނަރުކަމެއް ކުރިމަތިވިކަމަށެވެ. އެހެންނަމަވެސް އިޤްތިޞާދު ހަރުދަނާކުރުމަށް އެޅި ފިޔަވަޅުތަކާއެކު މިހާރު ދުނިޔޭގެ އެންމެ ބާރަށް ކުރިއަރާ އިޤްތިޞާދުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.