ވިޔަފާރި

ޖުލައި 31 ގައި މުހިންމު ސުންގަޑިތަކެއް އަންނާތީ ސަމާލުވުމަށް މީރާއިން އިލްތިމާސްކޮށްފި


ޖުލައި މަހުގެ ފަހު ހަފްތާގައި ސަރުކާރު އަދި ބޭންކްތައް ބަންދު ގިނަ ދުވަސްތަކަކަށްފަހު 31 ޖުލައިގައި ޓެކްސްގެ މުހިންމު ސުންގަޑިތަކެއް އަންނާތީ ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ކަންކަން ދުރާލައި ކުރުމަށް މީރާއިން އިލްތިމާސްކުރައްވައިފިއެވެ.

މީރާއިން ވިދާޅުވީ މިމަހުގެ 31ވަނަ ދުވަހު ޓެކްސްގެ ގިނަ ސުންގަޑިތަކެއް އަންނަކަމަށެވެ. އޭގެތެރޭގައި ހިމެނެނީ އާމްދަނީން ނަގާ ޓެކުހުގެ 2022ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއާއި، ޖޫން 2022 އަދި 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އެވެ. މީގެއިތުރުން ޖޫން 2022ގެ ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއާއި ޖޫން 2022ގެ އެއަރޕޯރޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއެވެ.

އާމްދަނީން ނަގާ ޓެކުހުގެ 2022ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅަންޖެހޭނީ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން 2021 ވަނަ އަހަރު ދައްކަންޖެހުނު ޓެކުހުގެ އަދަދު 20،000 ރުފިޔާއަށްވުރެ އިތުރުވާ ފަރާތްތަކުންނެވެ. އަދި، 2022ވަނަ އަހަރަކީ ޓެކްސް ދައްކާ ފަރާތުގެ ފުރަތަމަ ޓެކްސް އަހަރުކަމުގައި ވާނަމަ އަންދާޒާކުރާ ޓެކުހުގެ ޢަދަދު 20،000 ރުފިޔާއަށްވުރެ އިތުރުވާނަމައެވެ.

މި ޓެކްސްތަކަށް އޮންލައިންކޮށް ބަޔާން ހުށަހަޅައި ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް މީރާއިން ބުނެއެވެ. ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަކީވެސް މީރާކަނެކްޓް އެކައުންޓް ދޫކޮށްފައިވާ ފަރާތްތަކެއްކަމުގައި ވާތީ، ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމަށް މީރާއަށް އައުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުންވެސް މީރާކަނެކްޓް ބޭނުންކުރުމަށް އިސްކަންދިނުމަށް މީރާއިން އެދެއެވެ.