ޚަބަރު

ޑައިވިނަށްދިޔަ ފަތުރުވެރިޔަކު މަރުވެއްޖެ


ފަރުކޮޅުފުށީގެ ހުޅަނގުއުތުރު ފަރާތަށް މޫދަށް އެރި، ފްރީޑައިވްކުރަން ދިޔަ ސައުތު ކޮރެއާގެ އުމުރުން 49 އަހަރުގެ ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ގެއްލިގެން ހޯދަމުން ދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނަށް އެމީހާގެ ހަށިގަނޑު ވަނީ ފެނިފައެވެ. އެ މީހާ ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިއަދު 11:05 ހާއިރުއެވެ.

އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ އެ ސަހަރައްދަށް ގޮސް ގެއްލުނު މީހާ ހޯދުމަށް މަސައްކަތް ކޮށްފައެވެ. މިގޮތުން، އެ މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން މަސައްކަތްކުރަމުން ދަނިކޮށް، ގެއްލުނު މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިފައިވަނީ ކ.ގާގަނޑު ދެކުނުގައި އޮތް ފަރު ކައިރިން، ކަނޑުގެ 30 މީޓަރު އަޑިން، މިއަދު 11:50 ހާއިރުއެވެ.

އަދި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އެމީހާގެ ހަށިގަނޑު މޫދުން ނެގުމަށް ފަހު، މިއަދު 12:21 ހާއިރު ހަށިގަނޑު މާލެއަށް ގެނެސް، އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.