ޚަބަރު

ޙައްޖާޖީން ބަލާ އެއަރޕޯޓަށް ދާ މީހުންނަށް ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި


މާދަމާ ހައްޖުވެރިން މާލެ އަންނަށް ފަށާއިރު ޙައްޖާޖީން ބަލާ އެއަރޕޯޓަށް ދާ މީހުންނަށް ޚާއްސަކޮށް ވެހިކަލްތަކެއް ހަމަޖައްސާ ހިލޭ ދަތުރުކުރެވޭ ގޮތް އިސްލާމިކް މިނިސްޓްރީން ހަމަޖައްސަވައިފިއެވެ.

1443ވަނަ އަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިން މާދަމާ ރާއްޖެގަޑިން ހެނދުނު 10:10ގައި ރާއްޖެ އަންނަން ފަށާނެއެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައެވެ. މި ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 3 ފްލައިޓެއްގައެވެ. އެއީ މާދަމާ ގައި އޮންނަ ފްލައިޓާއި، މި އަންނަ ހޮނިހިރުދުވަހާއި އަންނަ ހަފްތާގެ ބުދަދުވަހުގައެވެ.

މާދަމާގެ ފްލައިޓުން 157 ޙައްޖުވެރިން އަންނަން ހަމަޖެހިފައިވާއިރު 23 ޖުލައިގެ ފްލައިޓުން އަންނާނީ 175 ޙައްޖުވެރިން އަދި 27 ޖުލައިގެ ފްލައިޓްއިން އަންނާނީ ޖުމްލަ 117 ޙައްޖުވެރިންނެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ހައްޖުވެރިންނަށް ޚާއްސަކޮށް ޚިދުމަތްދިނުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޙައްޖުވެރިންނަށް ޚާއްސަ ސަރަޙައްދެއް ހަމަޖައްސާފައިވާކަމަށާއި އެކަމަށްޓަކައި އެ ކުންފުނީގެ އިތުރު މުވައްޒަފުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާނެކަމަށެވެ.

މިފަހަރު ޙައްޖާޖީން ބަލާ އެއަރޕޯޓަށް ދާ މީހުންނަށް ޚާއްސަކޮށް ވެހިކަލްތަކެއް ވަނީ ހިލޭ ދަތުރުކުރެވޭ ގޮތަށް ހަމަޖައްސާފައެވެ. އެގޮތުން ކޮންމެ 15 މިނެޓަކުން ބަސްދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.އެހެންނަމަވެސް ބަސްތަކުގައި ގިނަ އަދަދެއްގެ ލަގެޖް އުފުލާނެ ޖާގަ ނެތުމާއި ގުޅިގެން ޙައްޖުވެރިންގެ ލަގެޖް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސަންޖެހޭނީ އެމީހުން އަމިއްލައަށްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މާލެއިން ހުޅުމާލެއަށް ދާ މީހުންނަށް ވެސްޓްޕާކާއި، ކާނިވާ ސަރަހައްދާއި، ހުޅުމާލެ ފޭސް 1 އިން، އަދި ހުޅުމާލެ ފޭސް 2 އިން އެއަރޕޯޓަށް ދިއުމަށް ވެހިކަލްތައް ހަމަޖައްސާފައިވާނެކަމަށެވެ. އެގޮތުން މި ހަތަރު ސަރަހައްދުންވެސް ހެނދުނު 9:45 އިން 10:30އާ ހަމަޔަށް ބަސްތައް ބޭވުއްމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަރޕޯޓުން ދިއުމަށްޓަކައި 11:00 އިން 12:00 އަށް ބަސްދަތުރުތައް ބޭވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިދަތުރުތައް ހަމަޖެހިފައިވާއިރު މޯލްޑިވްސް ޕޮލިސް ސާރވިސްއިން ޚާއްސަގޮތެއްގައި މި ސަރަހައްދުތަކުގައި ޓްރެފިކް ބަލަހައްޓަވާނެއެވެ. އަދި ޙައްޖުވެރިން ޓެކްސީތަކާއި ހަމައަށް ގެންގޮސްދިނުމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކުއްލި ޙާލަތެއް ދިމާވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރެޑްކްރެސެންޓްގެ އެމްބިއުލާންސްވެސް އެއަރޕޯޓުގައި އޮންނާނެއެވެ.

ރާއްޖެއިން ޙައްޖަށްދިޔަ ހުރިހާ ޙައްޖުވެރިންވެސް ވަނީ ޙައްޖުގެ މަތިވެރިއަޅުކަން އަދާކޮށް ނިމި ފުރުމަށް ތައްޔާރުވެފައެވެ. އަދި ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ޙައްޖުމިޝަންއިން މަޢުލޫމާތުދެއެވެ.