ޚަބަރު

ޑރ ފައުޗީ ރިޓަޔަރ ކުރައްވަނީ


އެމެރިކާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވަމުން ގެންދަވާ، އަދި އެ ޤައުމާއި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ބޮޑު މަޤުބޫލުކަމެއް ހޯއްދަވާފައިވާ އެއް ޝަހުސިއްޔަތު ކަމުގައިވާ ޑރ އެންތޮނީ ފައުޗީ ރިޓަޔަރ ކުރައްވަން ނިންމަވައިފިއެވެ. އޭނާއަކީ ވައިޓް ހައުސްގެ ޞިއްޙަތާ ބެހޭ އެންމެ އިސް މުޝީރެވެ.

1984 ވަނަ އަހަރުން ފެށިގެން އޭނާ ހުންނެވީ އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީޒަސް (އެން.އައި.އޭ.އައި.ޑީ)ގެ ޑިރެކްޓަރު ކަމުގެ މަޤާމުގައެވެ. ކޮވިޑްގެ ބަލިމަޑުކަން ފެށުމާ އެކު ޑރ ފައުޗީ ވެގެން ގޮސްފައި ވަނީ، އެމެރިކާގައި މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ އެންމެ އިސް މޭސްތިރި ކަމުގައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ރިޔާސަތުގެ ފުރަތަމަ ދައުރު ނިމުމުގެ ކުރިން ރިޓަޔަރ ކުރައްވާނެ ކަން ޑރ ފައުޗީ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ”ރިޓަޔަރ ކުރާނެ ވަކި ތާރީޚެއް އަދި ކަނޑައެއް ނާޅާން. ނަމަވެސް، ބައިޑަންގެ ފުރަތަމަ ދައުރު ނިމުމުގެ ކުރިން އެ ދުވަސް އަންނާނެ،“ 81 އަހަރުގެ ޑރ ފައުޗީ ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާގެ އިސް މުޝީރުގެ ހައިސިއްޔަތުން އޭނާ ވަނީ އެމެރިކާގެ ހަތް ރައީސަކަށް އިރުޝާދު ދެއްވާ، އެކުގައި މަސައްކަތް ކުރައްވާފައެވެ. މީގެ ތެރެއިން ވެސް، އެޗް.އައި.ވީ/އެއިޑްސް ފެތުރުން ކޮންޓްރޯލް ކުރުމާއި، އިންފްލުއެންޒާގެ އިތުރުން ކޮވިޑް-19އާ ދެކޮޅަށް އޭނާ ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.

ޑރ ފައުޗީއަކީ އެއިޑްސް ފެތުރުން ކޮންޓްރޯލް ކުރެވޭނެ ގޮތްތައް ދިރާސާ ކުރުމުގައި އިސް މާހިރެކެވެ. އަދި، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމާއި، ބަލި ޖެހިފައިވާ މީހުންނަށް ފަރުވާއެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގައި އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައި، ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައެވެ. މިހާރު ވެސް އޭނާގެ މަސައްކަތުގެ ބޮޑު ބައެއް ހިއްސާ ކުރައްވަމުން ގެންދަ ވަނީ އެ ބައްޔާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށެވެ.

އޭނާއަށް ގިނަ އެވޯޑްތަކެއް ވެސް ވަނީ ލިބިވަޑައިގަންނަވާފައެވެ. މީގެ ތެރޭގައި އެމެރިކާގައި ޢާންމު ރައްޔިތަކަށް ދެވޭ އެންމެ މަތިވެރި ޝަރަފު ކަމުގައިވާ ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް ހިމެނެއެވެ. އޭނާއަކީ، ސައިންސްގެ ދާއިރާގެ ހޯދުންތައް ޝާޢިއު ކުރާ 1,400 އަށްވުރެ ގިނަ ޖަރނަލްގެ ބޯޑު މެންބަރެއް ވެސް މެއެވެ.