ޚަބަރު

އިނގިރޭސި ބޮޑުވަޒީރުގެ ރޭހުގައި ބާކީ އޮތީ ހަތަރު ނަން


އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަޤާމަށް އައު ބޭފުޅަކު އިންތިޚާބު ކުރުމަށް ވެރިކަން ކުރާ ކޮންޒަރވެޓިވް ޕާޓީން ބޭއްވި އިންތިޚާބުގެ ތިންވަނަ ބުރުން ކުރީގައި އުޅުއްވަނީ މާލީ ވަޒީރުގެ މަޤާމުން އިސްތިޢުފާ ދެއްވި ރިޝީ ސުނާކެވެ. އޭނާއަށް ލިބިވަޑައިގަތީ 115 ވޯޓެވެ. އޭނާއާ އެންމެ ގާތުގައި އުޅުއްވަނީ 81 ވޯޓާއެކު ދިފާޢީ ވަޒީރު ޕެނީ މޯޑޯންޓްއެވެ.

މި އިންތިޚާބުގައި 71 ވޯޓާއެކު ތިންވަނައިގައި އުޅުއްވަނީ ޚާރިޖީ ވަޒީރު ލިޒް ޓްރަސްއެވެ. 58 ވޯޓާއެކު ހަތަރުވަނައިގައި އުޅުއްވަނީ ސަރުކާރުގެ އެއްވެސް މަޤާމެއް ފުރުއްވާފައި ނުވާ މެންބަރެއް ކަމުގައިވާ ކެމީ ބެޑެނޮޗްއެވެ. 31 ވޯޓު ލިބިވަޑައިގެންނެވި ޓޮމް ޓުގެންޑްހެޓް ވަނީ ރޭހުން ވަކިވެވަޑައިގަންނަވާފައެވެ. އޭނާއަކީ ޤާނޫނު ހަދާ މަޖިލީހުގެ ޚާރިޖިއްޔާއާ ބެހޭ ކޮމިޓީގެ މުޤައްރިރެވެ.
ކޮންޒަރވެޓިވް ޕާޓީގައި އޮތް ތާޢީދު ގެއްލި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވަނީ މަޤާމުގެ ދައުރު ނިމުމުގެ ކުރިން އިސްތިޢުފާ ދެއްވާނެ ކަން އިޢުލާނު ކުރައްވާފައެވެ. އިންތިޚާބުގެ ތިންވަނަ ބުރުގެ ވޯޓު ވެސް ސުނާކު ކާމިޔާބު ކުރެއްވުމުން، އެހެން ކެނޑިޑޭޓުންގެ ނުރުހުމާއި ފިއްތުންތައް އޭނާއަށް ދަނީ ކުރިމަތި ވަމުންނެވެ. އެ ބޭފުޅުން ދަނީ ސަރުކާރުގައި ސުނާކު އަދާ ކުރައްވާފައިވާ ދައުރާއި، އޭނާގެ އަނބިކަނބަލުންގެ މިލްކިއްޔާތާ ގުޅޭ ގޮތުން ސުވާލު އުފައްދަވަމުންނެވެ.

މި ހަފުތާގެ ތެރޭގައި ކޮންޒަރވެޓިވް ޕާޓީގެ 358 މެންބަރުންގެ މެދުގައި ނަގާ ވޯޓާއެކު ބޮޑުވަޒީރުގެ މަޤާމަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ އަދަދު ދޭކަށް ތިރިވާނެއެވެ. އަދި އެއަށްފަހު، ކޮންޒަރވެޓިވް ޕާޓީގެ ގާތްގަނޑަކަށް 200,000 ޢާންމު މެންބަރުންގެ މެދުގައި ނަގާ ވޯޓަށްފަހު އައު ބޮޑުވަޒީރުގެ ނަން އިޢުލާނު ކުރާނީ ސެޕްޓެންބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

އިނގިރޭސި ވިލާތުގެ ވެރިކަން ކުރަމުން ދަނީ ކޮންޒަރވެޓިވް ޕާޓީންނެވެ. އެހެންކަމުން، އައު ބޮޑުވަޒީރެއް ޢައްޔަން ކުރުމަށް ޢާންމު އިންތިޚާބެއް ބާއްވާކަށް ނުޖެހެއެވެ. އަދި، އަލަށް އިންތިޚާބު ކުރެވޭ ބޮޑުވަޒީރު ފުރުއްވާނީ ޖޮންސަންގެ ދައުރުގެ ބާކީ އޮތް ބަޔެވެ. އެ ޕާޓީގެ ޢާންމު މެންބަރުންގެ ތެރެއިން 50 އަށްވުރެ ބޮޑު އިއްސައްތައެއް ހިއްސާ ކުރަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ.