ޚަބަރު

ލަންކާގެ އިދިކޮޅު ލީޑަރު ރިޔާސީ ރޭހުން ވަކިވެއްޖެ


ސްރީލަންކާގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ ރިޔާސީ ރޭހުން ވަކިވެވަޑައިގަވައިފިއެވެ. އިޤްތިޞާދީ ކާރިސާއެއް ކުރިމަތިވެފައިވާ ސްރީލަންކާގެ އައު ރައީސަކު އިންތިޚާބު ކުރުމަށް ޤާނޫނު ހަދާ މަޖިލީހުގައި ނަގާ ވޯޓުން ނަން ނަންގަވާފައި ވީ ނަމަވެސް، މިހާރު އޮތް ސަރުކާރާ ދެކޮޅު ކެނޑިޑޭޓަކަށް ތާޢީދު ކުރައްވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޕްރެމަދާސަ ވިދާޅުވީ، ރިޔާސީ ރޭހުން އޭނާގެ ނަން ނެންގެވުމަކީ މި ވަގުތު ޤައުމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމުގައެވެ. އަދި، އޭނާގެ ޕާޓީއާއި އެ ޕާޓީއާ ގުޅިފައިވާ އެހެން ޕާޓީތަކުން ދުލާސް އަލަހައްޕެރުމާއަށް ތާޢީދު ކުރަން ނިންމާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. ކުރީގެ ނޫސްވެރިއެއް ކަމުގައިވާ އަލަހައްޕެރުމާއަކީ މިހާރު ޤާނޫނު ހަދާ މަޖިލީހުގައި ރާޖަޕަކްސަގެ ޕާޓީ ތަމްސީލު ކުރައްވަމުން ގެންދަވާ މެންބަރެކެވެ.

އައު ރައީސަކު އިންތިޚާބު ކުރުމަށް ޤާނޫނު ހަދާ މަޖިލީހުގައި ބުދަ ދުވަހު ވޯޓަށް އަހާނެއެވެ. ވަގުތީ ރައީސް އަދި ބޮޑުވަޒީރުގެ މަޤާމު ވެސް ފުރުއްވާ ރަނިލް ވިކްރަމަސިންހަ ވެސް ދަނީ މި މަޤާމަށް ވާދަ ކުރައްވަމުންނެވެ. އޭނާއަކީ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާއި އޭނާގެ ޢާއިލާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ފަރާތެއް ކަމުން، ސްރީލަންކާގެ ޢާންމު ރައްޔިތުން ދަނީ އޭނާގެ ކެނޑިޑޭސީއާ މެދު ނުރުހުން ފާޅު ކުރަމުންނެވެ.

ބޮޑުވަޒީރު ކަމުގެ ހަވަނަ ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވާ ވިކްރަމަސިންހަ ވަގުތީ ރައީސްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގަތީ ކުރީގެ ރައީސް ގޮތަބަޔާ ފިއްލަވައިގެން ސިންގަޕޫރަށް ވަޑައިގަންނަވައި އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ގޮތަބަޔާ އިސްތިޢުފާ ދެއްވީ ކޮވިޑް-19އާ ގުޅިގެން ޤައުމަށް ކުރިމަތިވި އިޤްތިޞާދީ ކާރިސާ މެނޭޖްނުކުރެވި ޤައުމުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި ޢާންމު ރައްޔިތުން އޭނާގެ ސަރުކާރާ ދެކޮޅަށް ތެދުވުމުންނެވެ.