ޚަބަރު

ޔޫކްރެއިނުގެ އިސް ދެ އޮފިޝަލުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށްފި


ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އޭނާގެ ސަރުކާރުގެ އިސް ދެ އޮފިޝަލަކު ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށްފިއެވެ. ޒެލެންސްކީ ސަސްޕެންޑް ކޮށްފައި މި ވަނީ އޭނާގެ ވަރަށް ގާތް ދެ ރަޙުމަތްތެރިންނެވެ. އެއީ، އެ ޤައުމުގެ ޖާސޫސީ އިދާރާގެ އިސްވެރިޔާގެ މަޤާމު ފުރުއްވަމުން ގެންދެވި އިވާން ބަކަނޯފާއި ޕްރޮސިކިއުޓަރ ޖެނެރަލް އައިރީނާ ވެނެޑިކްޓޯވާއެވެ.

އެ ދެ މީހުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށްފައި ވަނީ، އެ ދެ މީހުން ހިންގަމުންދާ އިދާރާތަކުގައި ތިބި ރަޝިޔާ ސަރުކާރުގެ ޖާސޫސުން ހުއްޓުވަން ކުރަމުންދިޔަ މަސައްކަތްތައް ނާކާމިޔާބު ވެފައިވާ ކަމަށް ބުނެއެވެ. ޒެލެންސްކީ ވިދާޅުވީ ރަޝިޔާއިން ހިފާފައިވާ އެ ޤައުމުގެ ސަރަޙައްދުތަކުގައި ހުރި އެ ޤައުމުގެ ޖާސޫސީ އިދާރާގެ އޮފީސްތަކުގައި 60 އަށް ވުރެ ގިނަ ރަޝިޔާގެ ޖާސޫސުން ހަރަކާތްތެރިވަމުންދާ ކަމުގައެވެ. އަދި، ފުލުހުންގެ ތެރޭގައި މަސައްކަތް ކުރާ މީހުންގެ 651 މިފަދަ މައްސަލަ ބަލަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

”މިއީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް. މިފަދަ މައްސަލަތަކުގެ އަދަދު ގިނަކަމީ އެ އިދާރާތުގެ އިސްވެރިންގެ ހިންގުމާ މެދު ސުވާލު އުފެދޭ ކަމެއް،“ ޒެލެންސްކީ ވިދާޅުވިއެވެ. އޭނާއަކީ ހިންގުންތެރި، އަދި ގޮތް ނިންމުގައި ފަސްޖެހިވަޑައިނުގަންނަވާ ލީޑަރެއް ކަމުގައި މިހާރު ދުނިޔެ ޤަބޫލު ކުރި ނަމަވެސް، ސަރުކާރުގެ ބޮޑެތި އިސް އިދާރާތައް ހިންގުމުގެ މަސްއޫލިއްޔަތު ގާތް ރަޙުމަތްތެރިންނާ ހަވާލު ކުރުމުން އޭނާއަށް ކުރިން ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

މި ހަނގުރާމަ އިތުރަށް ވަރުގަދަ ކުރަން ރަޝިޔާއިން މަސައްކަތް ފަށާފައިވާ މި ދަނޑިވަޅުގައި އެ ޤައުމުގެ ކުރީގެ ރައީސެއް ކަމުގައިވާ ދިމިތްރީ މެޑްވެޑޭފް މި ވަނީ ހުޅަނގުގެ ބާރުތަކަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ އިސްވެރިޔާގެ ނައިބުގެ މަޤާމު މިހާރު ފުރުއްވާ މެޑްވެޑޭފް ވިދާޅުވީ، ރަޝިޔާއިން ހިފާފައިވާ ކްރައިމިޔާއަކީ ރަޝިޔާގެ ބައެއް ކަމަށް ޔޫކްރެއިނާއި ހުޅަނގުން ބަލައިނުގަތުމާއި، އެ ސަރަޙައްދަށް އެއްވެސް ހަމަލާއެއް ދޭ ދުވަހަކީ ”ދުނިޔޭގެ އެންމެ ފަހު ދުވަސް“ ކަމުގައި ވާނެ ކަމުގައެވެ.

”އެ ދުވަހު އެއްވެސް ޤައުމަކަށް ފިލައި އޮތުމަކީ ދަތި ކަމަކަށް ވާނެ،“ އޭނާ އިންޒާރު ދެއްވަމުން ވިދާޅުވިއެވެ. ބްލެކް ސީގެ އައްސޭރިފަށުގައިވާ ޔޫކްރެއިންގެ ސަރަޙައްދެއް ކަމުގައިވާ ކްރައިމިޔާއަށް ރަޝިޔާއިން އަރައި އެ ތަން ހިފާފައި ވަނީ 2014 ވަނަ އަހަރުއެވެ. މީގެ ކުރިން ވެސް މެޑްވެޑޭފް ވަނީ ހުޅަނގަށް މިފަދަ އިންޒާރުތަކެއް ދެއްވާފައެވެ. ވިދާޅުވީ، ޔޫކްރެއިނުގައި ހިންގަމުންދާ އަމަލުތަކާ ގުޅުވައި ރަޝިޔާ ފަދަ ނިއުކްލިޔަރ ބާރަކާ ތޮޅުމަކީ ނުރައްކާތެރި ކަމެއް ކަމުގައެވެ.

ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމަ އިތުރަށް ވަރުގަދަ ކުރުމަށް އެ ޤައުމުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ. ހަނގުރާމައިގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާ ކުރައްވަމުން ޒެލެންސްކީ ވިދާޅުވީ، ރަޝިޔާއިން ޔޫކްރެއިންގެ އެކި ސަރަޙައްދުތަކަށް މިހާތަނަށް 3,000 އަށްވުރެ ގިން ކްރޫޒް މިސައިލް ހަމަލާ ދީފައިވާ ކަމުގައެވެ.
މީގެ ތެރެއިން މިދިޔަ ހަފުތާގައި ވިނިޓްސިޔާ ކިޔާ ރަށަކަށް ދިން ހަމަލާއެއްގައި މަރުވި ހަތަރު އަހަރުގެ ކުޑަކުއްޖެގެ ޖަނާޒާ ހޯމަ ދުވަހު ވަނީ ބާއްވާފައެވެ. ލީޒާ ދިމިތްރިއޭވާ ކިޔާ އެއް ކުއްޖާއަކީ ޑައުންސް ސިންޑްރޯމް ބަލި ކުއްޖެކެވެ. އެ ކުއްޖާ މަރުވީ މަގުމަތީގައި ކުޅެން ހުއްޓައި ކަމުގައި ޔޫކްރެއިނުން ބުނެއެވެ. އެ ކުއްޖާ މަރުވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ނަގާފައިވާ ވީޑިޔޯއެއް ވަނީ ޢާންމުވެފައެވެ.

މި ހަނގުރާމައިގައި ރަޝިޔާއިން މިހާރު ބޭނުން ކުރަމުންދާ އުކުޅަކީ، އެ ޤައުމުގެ ސިފައިން ހިފާފައިވާ ރަށްތަކާއި ދުރުގައި އޮތް ސަރަޙައްދުތަކަށް ދުރުރާސްތާގެ ހަތިޔާރު ބޭނުންކޮށްގެން ހަމަލާ ދިނުމެވެ. މި ހަމަލާތަކުގައި ކްރޫޒް މިސައިލާއި ރޮކެޓާއި އާޓިލަރީ ބަޑި ދަނީ ބޭނުން ކުރަމުންނެވެ. އަދި، މި ހަމަލާތަކުގެ ރައްދުގައި ޔޫކްރެއިން ސިފައިން ވެސް ދަނީ ބަރު ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާ ސިފައިން ތިބި ތަންތަނަށް ހަމަލާ ދެމުންނެވެ. މި ހަމަލާތައް ވަރުގަދަކޮށްފައި ވަނީ ހުޅަނގުގެ ބާރުތަކުން ފޯރުކޮށްދީފައިވާ ޒަމާނީ ހަތިޔާރު ބޭނުން ކޮށްގެންނެވެ.

މި ކަމާ ގުޅިގެން ރަޝިޔާގެ ދިފާޢީ ވަޒީރު ސަރްގެއި ޝޮއިގޫ ވަނީ، ހުޅަނގުން ފޮނުވާފައިވާ ހަތިޔާރުތައް ނައްތައިލުމަށް އިސްކަން ދިނުމަށް އޭނާގެ ޖެނެރަލުންނަށް އަންގަވާފައެވެ. މި ގޮތުން، ދުރުރާސްތާ މިސައިލް ސިސްޓަމްތަކާއި އާޓިލަރީ ބަޑިތައް ހުރި ސަރަޙައްދުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށް، އެ ތަކެތި ނައްތައިލާން އޭނާ ވަނީ އަމުރު ކުރައްވާފައެވެ.

މި ހަނގުރާމައަށް ފަސް މަސް ފުރެން ގާތްވެފައިވާ އިރު، ރަޝިޔާ ސިފައިން މިހާރު ވަނީ ޔޫކްރެއިންގެ ސަރަޙައްދުތަކުގެ ތެރެއިން ފަސްބައިކުޅަ އެއްބައި އެ މީހުންގެ އަތްދަށަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ޔޫކްރެއިނުގެ އިރުމަތީގައިވާ ދޮންބެސް ރީޖަންގެ ގިނަ ސަރަޙައްދުތައް ހިމެނެއެވެ.