ޚަބަރު

އެމެރިކާ މޯލެއްގައި ބަޑިން ހަމަލާދީ ތިން މީހުން މަރާލައިފި


އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ އިންޑިއާނާޕޮލިސްގެ ރަށްބޭރުގައި އޮންނަ ރަށެއްގެ ޝޮޕިންގް މޯލެއްގައި ބަޑިން ހަމަލާދީ ތިން މީހުން މަރައިލައިފިއެވެ. ހަތިޔާރު އަޅައިގެން ހުރި މީހަކު، ބަޑިން ހަމަލާދީ ތިން މީހުން މަރައިލާފައި ވަނީ ގްރީންވުޑް ޝޮޕިންގް މޯލްގައި ކާބޯތަކެތީގެ ޚިދުމަތްދޭ ފުޑްކޯޓުގެ ތެރޭގައެވެ.

މި ހާދިސާގައި އިތުރު ދެ މީހެއްގެ ހަށިގަނޑަށް ވަޒަން އަރައި އަނިޔާވި ކަމަށް ގްރީންވުޑްގެ ފުލުހުން ބުނެއެވެ. މި ހާދިސާ ހިނގި ތަނަށް ފުލުހުން ދިޔުމުގެ ކުރިން، އެ ތަނުގައި ހުރި ޢާންމުންގެ މީހަކު ވަނީ ބަޑި ޖަހައި، ހަތިޔާރު އެޅި މީހާ މަރައިލާފައެވެ. އެ ކަން ކޮށްފައި ވަނީ ހަތިޔާރު ގެންގުޅުމުގެ ލައިސެންސް އޮތް 22 އަހަރުގެ ޢާންމުންގެ މީހެކެވެ.

ފުލުހުން ވަނީ މި ހަމަލާ ދީފައިވާ މީހާގެ ވަނަވަރު ހާމަކޮށްފައެވެ. އެއީ، އުމުރުން 20 އަހަރުގެ ޖޮނެތަން ޑަގްލަސް ސަޕިރްމެން ކިޔާ މީހެއް ކަމަށާއި، މި ހަމަލާގައި އޭނާއާއެކު އިތުރު މީހަކު ބައިވެރިވެފައި ނުވާ ކަމުގައި ފުލުހުން ބުނެއެވެ. އޭނާ ދިން ހަމަލާގައި މަރުވި ތިން މީހުންގެ ތެރޭގައި ދެމަފިރިއަކު ވެސް ހިމެނެއެވެ.

ފަހަކަށް އައިސް އެމެރިކާގެ އެކި ކަންކޮޅުތަކުގައި މި ފަދަ ބަޑި ޖެހުމުގެ ހާދިސާތައް ގިނަ އަދަދަކަށް ހިނގާފައިވެއެވެ. 2000 ވަނަ އަހަރުން ފެށިގެން މިހައިތަނަށް އެމެރިކާގައި ދީފައިވާ މި ފަދަ ބަޑީގެ ހަމަލާތަކުގެ އަދަދު 433 އަށް އަރައެވެ. ފަހަކަށް އައިސް ހިނގާފައިވާ މި ފަދަ ހާދިސާތަކަށް ބަލައިލާއިރު، ނިއުޔޯކުގެ ފިހާރައެއްގެ ތެރޭގައި އަދި ޓެކްސަސްގައި ހުންނަ ސްކޫލެއްގެ އިތުރުން އިލިނޯއީގައި މިނިވަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕެރޭޑެއްގެ ތެރޭގައި ވެސް ބަޑީގެ ހަމަލާތަކެއް ދީ ގިނަ އަދަދެއްގެ ޢާންމުން ވަނީ މަރައިލާފައެވެ.