ޚަބަރު

ނުރައްކާތެރި މާބަރގް ވައިރަސް ގާނާއިން ފެނިއްޖެ


ނުރައްކާތެރި ވައިރަހެއް ކަމުގައިވާ މާބަރގް ވައިރަސް ޖެހި އެފްރިކާގެ ޤައުމެއް ކަމުގައިވާ ގާނާގައި ދެ މީހުން މަރުވެއްޖެއެވެ. މިއީ، ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެބޯލާއާ ވައްތަރު، ހަލުވިކަމާއެކު ގައިންގަޔަށް އަރާ، އެހާމެ ނުރައްކާތެރި ބައްޔެކެވެ.

މި ބަލި ޖެހިފައިވާ ކަމަށް ބެލެވޭ ދެ މީހެއްގެ ނަތީޖާ ފުރަތަމަ ފަހަރަށް ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ މި ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. އަދި، އިތުރަށް ކަށަވަރު ކުރުމަށް ސާމްޕަލްތައް ވަނީ ސެނެގާލަށް ގެންގޮސް ޓެސްޓުކޮށްފައެވެ. އެ ޓެސްޓުތަކުގެ ނަތީޖާއިން މިއީ މާބަރގް ވައިރަސް ކަން ކަށަވަރު ކުރެވިފައިވާ ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ބުނެއެވެ.

މި ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށް، ބަލީގައި މަރުވި ދެ މީހުންނާ އެއްތަންވި މީހުން ހޯދައި، އެ މީހުން މިހާރު ވަނީ އެކަހެރި ކޮށްފައެވެ. ގާނާގެ މައި ޞިއްޙީ އިދާރާ (ޖީ.އެޗް.އެސް) އިން ބުނެއެވެ. އަދި، އެކަހެރި ކޮށްފައިވާ މީހުންގެ ފުށުން ބަލީގެ އެއްވެސް އަލާމާތެއް އަދި ފެނިފައި ނުވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ޑަބްލިޔު.އެޗް.އޯ.އިން ވަނީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގާނާގެ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ތަޢުރީފު ކޮށްފައެވެ. އަދި، ބަލި ފެތުރެން ފުރުޞަތު ދީފި ނަމަ، މިއީ ކޮންޓްރޯލް ކުރަން ދަތިވާނެ ވައިރަސްއެއް ކަމުގައި ވެސް ޑަބްލިޔު.އެޗް.އޯ.އިން ބުނެއެވެ.

މި ބަލީގެ ޢަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ބޭރަށް ހިންގުމާއި، މޭނުބައި ކުރުމާއި، ހޮޑުލުން ހިމެނެއެވެ. މި ބަލީގައި ގާނާއިން ދެ މީހުން މަރުވެފައި ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމުގައި ޑަބްލިޔު.އެޗް.އޯ.އިން. ބުނެއެވެ.

މިއީ، އެފްރިކާ ބައްރުގެ ހުޅަނގުގެ ޤައުމަކުން މި ވައިރަސް ފެނުނު ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި ވައިރަސް ފެނިފައި ވަނީ ގިނީއިންނެވެ. އެއީ، މިދިޔަ އަހަރުގެ ތެރޭގައެވެ. އަދި، އެ ފަހަރު މި ވައިރަސް އިތުރު މީހުންނަށް ފެތުރުނަ ނުދީ ވަނީ ކޮންޓްރޯލް ކޮށްފައެވެ.

އެފްރިކާ ބައްރުން މި ބަލި އެންމެ ފުރަތަމަ ފެނިފައި ވަނީ 1967 ވަނަ އަހަރުއެވެ. އެއަށްފަހު، ދޭތެރެދޭތެރެއިން މި ވައިރަސްގެ އަސަރު އިންސާނުންގެ ފުށުން ފެނިފައިވެއެވެ. މިއީ ވެސް ވާލުގެ ފުށުން އިންސާނުންގެ ހަށިގަނޑަށް އަރާ ބައްޔެކެވެ. އަދި، ގައިންގަޔަށް އަރަނީ އިންސާނުންގެ ހަށިގަނޑުން ބޭރުވާ ދިޔާ ތަކެތީގެ ޒަރީޢާއިންނެވެ.