ޚަބަރު

ކޮވިޑް-19ން ސަލާމަތްވެވިއްޖެ: އުތުރު ކޮރެޔާ


ކޮވިޑް-19 ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ ހުރިހާ މީހުން ބަލިން ފަސޭހަވެފައިވާ ކަމަށާއި، މި ބައްޔާ ގުޅިގެން ކުރިމަތިވި ކާރިސާއިން ސަލާމަތް ވެވިއްޖެ ކަމުގައި އުތުރު ކޮރެޔާއިން ބުނެފިއެވެ. އެ ޤައުމުން މިހެން ބުނެފައި ވީ ނަމަވެސް، އޭޝިޔާގެ ގިނަ ޤައުމުތަކެއްގައި ކޮވިޑްގެ އެކި ވޭރިއަންޓްތައް ހަލުވިކަމާ އެކު ދަނީ ފެތުރެމުންނެވެ.

އުތުރު ކޮރެޔާގެ ރަސްމީ ޚަބަރު ފަތުރާ މީޑިޔާ ކަމުގައިވާ ކޭ.ސީ.އެން.އޭ.އިން ބުނީ، ހުމުގެ އަސަރު ކޮށްފައިވާ 4.7 މިލިޔަން ރައްޔިތުންގެ ތެރެއިން 99.98 މީހުން ބަލިން ފަސޭހަވެފައިވާ ކަމުގައެވެ. ނަމަވެސް، ކޮވިޑުގެ ޢަލާމަތްތައް ފެންނަ މީހުން ޓެސްޓު ނުކުރާތީ، އެ ޤައުމުގައި މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ސާފެއް ނޫނެވެ.

''މި ބައްޔާ ދެކޮޅަށް ހިންގި ކެމްޕޭން ކާމިޔާބުވެ، ބައްޔާ ގުޅިގެން ކުރިމަތިވި ކާރިސާއިން މި ވަނީ ސަލާމަތްވެފައި،“ ކޭ.ސީ.އެން.އޭ.އިން ބުންޏެވެ. އަދި، އިތުރު 310 މީހަކު ހުން އައިސްގެން ރިޕޯޓުކޮށްފައިވާ ކަމުގައި ވެސް އެ މީޑިޔާއިން ބުންޏެވެ. ނަމަވެސް، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން މި ކަމާމެދު ޚިޔާލު ތަފާތުވެއެވެ. އެ ޖަމުޢިއްޔާއިން ބުނީ މިދިޔަ މަހުގެ ތެރޭގައި އެ ޤައުމުގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް ޤަބޫލު ކުރާ ކަމުގައެވެ. އަދި، މިއީ ހުއްޓިފައި އޮތް ވިޔަފާރީގެ ދޮރުތައް އަލުން ހުޅުވަން ފަތުރަމުންދާ ނުރަނގަޅު މަޢުލޫމާތެއްގެ ކަމުގައި ދެކޭ ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުނެއެވެ.

އުތުރު ކޮރެޔާއިން ކުރިން ބުނެފައި ވަނީ، އެ ޤައުމުގެ ރައްޔިތުންނަށް ކޮވިޑް ޖެހިފައި ވަނީ ދެކުނު ކޮރެޔާއިން ވައިގެ މަގުން ފޮނުވި އެއްޗެހިތަކެއްގައި އަތްލުމުން ކަމުގައެވެ. އަދި ކޮވިޑް ފެތުރެން ފެށުމާއެކު، އުތުރު ކޮރެޔާއިން ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ކޮވިޑްގެ ކޭސްއެއް ފެނިފައިވާ ކަމަށް އެ ޤައުމުން އެންމެ ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ މޭ މަހުގެ މެދުތެރޭގައެވެ.