ތަޢުލީމު

ފާމަސީ އެސިސްޓެންޓް ކޯހުގެ ދަސްވެނިވުން މިރޭ ބާއްވަނީ


ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ  ފާމަސީ އެސިސްޓެންޓުން އުފެއްްދެވުމަށް ހިންގެވި ޚާއްޞަ ޕްރޮގްރާމްގެ ދަށުން 401 ދަރިވަރުން ތަމްރީނުކުރެވިފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.މިއީ އެސް.ޓީ.އޯ.އިން ރާއްޖޭގެ ހުރިހާ ރަށެއްގައި ހުޅުވި ފާމަސީތަކުގައި ހުރި ވަޒީފާތަކަށް ބޭނުންވާ ވަރަށް މީހުން ތަމްރީނުކުރެއްވުމަށްޓަކައި ޓިވެޓާއި އެޑިއުކޭޝަން މިނިސްޓްރީން ހިންގެވި ޕްރޮގްރާމެކެވެ. އަދި މިއީ ސަރުކާރުގެ މުހިއްމު ވަޢުދެއް ކަމުގައިވާ 94000 ވަޒީފާ އުފެއްދުމާވެސް ގުޅިފައިވާ މުހިއްމު ތަމްރީނެކެވެ.ޖުމްލަ 701 ބައިވެރިން ފާމަސީ އެސިސްޓެންޓް 2 ކޯހެއްގައި ބައިވެރިވެފައިވާކަމަށާއި މީގެ ތެރެއިން ގިނަ ކުދިން ބައިވެރިވެފައިވަނީ ނެޝަނަލް ސެޓްފިކެޓް ލެވެލް 4 ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ސެޓްފިކެޓް ލެވެލް 3 ނިންމާ ކުދިންނަށް ސެޓްފިކެޓް ލެވެލް 4 ހެދުމުގެ ފުރުޞަތު ދެވިފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.މިރޭގެ ރަސްމިއްޔާތުގައި ދަސްވެނިވެގެން ޖުމްލަ 401 ދަރިވަރަކަށް ސަނަދު ދެވިގެންދާނެއެވެ. މީގެ ތެރެއިން ގިނަ ދަރިވަރުން ޙާޞިލުކޮށްފައިވަނީ ނެޝަނަލް ސެޓްފިކެޓް ލެވެލް 4 ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.ޓިވެޓް އޮތޯރިޓީގެ ސީއީއޯ އަބްދުލް ހަންނާން ވަޙީދު ވިދާޅުވީ މި ކޯހުގައި ތަމްރީނު ދެއްވާފައިވަނީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އެހީތެރިކަމާއެކު ކޯހުގެ ބައިވެރިން ދިރިއުޅޭ ރަށްރަށުގައި ތިބެގެންކަމަށެވެ. އަދި ކޯހުން ފާސްވުމަށްޓަކައި ތިއަރީ އަދި ޕްރެކްޓިކަލް އިމްތިޙާން ދެވުނުކަމަށްވެސް ހަންނާން ވިދާޅުވިއެވެ.މި ކޯސް ނިންމި ގިނަ ފަރާތްތައް މިހާރު ވެސް ތިބީ އެސް.ޓީ.އޯގެ ފާމަސީތަކާއި އެހެން ފާމަސީތަކުގެ ވަޒީފާގައިކަން ޓިވެޓް އޮތޯރިޓީން ފާހަގަކުރައްވައެވެ.