ކުޅިވަރު

ކެޓެމަރާނެއްގައި ރާއްޖެ ވަށައި ބުރު ޖަހަން ގައްބެ ދަތުރު ފަށައިފި


ކެޓަމަރާނެއްގައި ރާއްޖެ ވަށައި ބުރެއް ޖެހުމަށް އަބްދުލް ޢަފޫރު އަލީ (ގައްބެ) ދަތުރު ފަށައިފިއެވެ. މިއަދު ހެނދުނު އިއްޒުއްދީން ފާލަމުގައި އޮތް ޙާއްސަ ރަސްމިއްޔާތުގައި ގައްބެ ފުރުވުމަށް ގިނަ އަދަދެއްގެ ބަޔަކުވަނީ ޖަމާވެފައެވެ. އެޓޯލް ސެއިލާ އާއި ޓޫރިޒަމް މިނިސްޓްރީން އިންތިޒާމްކުރާ މި ދަތުރު ފެށުމުގެ ކުރިން މީޑިއާއާއި ވާހަކަދައްކަމުން އަބްދުލް ޢަފޫރު އަލީ (ގައްބެ) ބުނީ މީ ވަރަށް ބޮޑު ޗެލެންޖެއްކަމަށާއި، ދަތުރު ފެށުމަށް ވަރަށް ބޮޑަށް ކެތްމަދުވެފައިހުރިކަމަށެވެ. ގައްބެ ބުނީ ކެޓަމަރާނެއްގައި ދަތުރުކުރުމަކީ އާދައިގެ މަސައްކަތެއް ނޫންކަމަށާއި، ދަތުރުގެ އަވަސްމިނާއި ލަސްވުން ބިނާވަނީ މޫސުމަށްކަމަށެވެ. އަދި މޫސުމަކީ އެއްގޮތަކަށްވެސް ކުރިން އިނގޭނެ އެއްޗެއް ނޫންކަމަށާއި، އޮޔާއި ވައިގެ މިސްރާބާއި ބާރުމިނަށް ވަރަށް ބޮޑަށް ވިސްނައިގެން ނޫނީ މި ދަތުރު ފުރިހަމަކުރަން އުނދަގޫވާނެކަމަށް ގައްބެ ބުންޏެވެ."މޫސުން ވަރަށް ސަޅި ދުވަހެއްގައި ދަތުރު މި ފެށުނީ. ވަރަށް ބޮޑު ޗެލެންޖެއް މީ ހުރިހާ ދުވަހަކު އެއް ގޮތަކަށް މޫސުން ނޯންނާނެ، ވިހި ތިރީސް ދުވަސް ނަގާނެ މި ދަތުރަށް، ވަރަށް ތައްޔާރުވެގެން މިހިރީ މި ދަތުރަށް"އިއްޒުއްދީން ފާލަމުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބު ހުސެއިން ލިރާރް އަދި މި އިވެންޓްގެ އެހެނިހެން ސްޕޮންސަރުންވަނީ ބައިވެރިވެފައެވެ. އަދި މި ރަސްމިއްޔާތުގައި ގައްބެގެ މި ދަތުރަށް ހާއްސަކޮށް ލަވައެއް ވެސް ވަނީ ލޯންޗުކޮށްފައެވެ. ގައްބެ ރާއްޖެވަށައި ކެޓަމަރާންއެއްގައި މި ފުރިހަމަ ކުރާ ދަތުރުގެ މައިގަނޑު މަޤްސަދަކީ "ވިސިޓް މޯލްޑިވްސް އިޔަރ" މިއަހަރު ފާހަގަކުރާއިރު ދިވެހި ޒުވާނުންގެ މަސައްކަތް ދައްކުވައި، ފަތުރުވެރިކަމުގެ ދާއިރާގައި ސީދާގޮތުންނާއި ނުސީދާގޮތުން ހުރި ފުރުސަތުތަކަށް އަހުލުވެރިކުރުންކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހާމަކުރައްވައެވެ.