ކުޅިވަރު

ބިސް ބުރު، ޓެންޓް އަދި ބުރު ސްޕޯޓްސްއަށް މޮޅެއް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ހޯމަ ދުވަހު ކުޅުނު މެޗުތަކުން ގްރޫޕް އެކެއްގައި ހިމެނޭ ބިސް ބުރު ސްޕޯޓްސް ކުލަބާއި، ޓެންޓް ސްޕޯޓްސް ކުލަބު އަދި ބުރު ސްޕޯޓްސް ކުލަބުވެސް މޮޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ހަވީރު ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުން ބިސް ބުރު މޮޅުވީ ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބު އަތުން ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ޓީޏޤވަނަ މިނެޓުގައި ބިސް ބުރުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާމިރް މެމަރީ މަނޭޝެވެ. އަދި މެޗުގެ 27 ވަނަ މިނެޓުގައި އާމިރު ވަނީ އިތުރު ލަނޑެއް ޖަހައި، ބިސް ބުރަށް ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ކެޕިޓަލް ސިޓީގެ އާދަމް ނަސީމް ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ބިސް ބުރުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 62 ވަނަ މިނެޓުގައި އާމިރު ވަނީ އެ ޓީމަށް އަލުން ލީޑު ފުޅާކޮށްދީ، މެޗުގައި ހެޓްރިކް ހަދާފައެވެ. އަދި މި މެޗުގައި ބިސް ބުރުން ކާމިޔާބުކުރި ފަހު ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ މުޖުތަބާ ރަޝީދީއެވެ.

މި މުބާރާތުގައި ހޯމަ ދުވަހުގެ ހަވީރު މާފަންނު ޓާފް ދަނޑުގައި ކުޅުނު މެޗުން ޓެންޓް މޮޅުވީ ދިވެހި ސިފައިންގެ ކުލަބު އަތުން 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗަކީ މީގެ ކުރިން އާދީއްތަ ދުވަހުގެ ހަވީރު ކުޅެން ތާވަލުކުރި މެޗެކެވެ. އެކަމަކު މެޗު އާދީއްތަ ދުވަހަށް ފަސްކުރީ މޫސުން ގޯސްވުމާ ގުޅިގެންނެވެ.

މި މެޗުގައި ޓެންޓުން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ދެ ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގެ ފަހިކޮޅެވެ. އެގޮތުން މި ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޓެންޓަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ އާރާޝް އައްސަދު މުޙައްމަދެވެ. އަދި އޭގެ މިނެޓެއް ފަހުން ސަފްރާޒް އިބްރާހީމް ވަނީ ލަނޑެއް ޖަހައި، ޓެންޓުގެ ލީޑު ފުޅާކޮށްދީފައެވެ.

މީގެ އިތުރުން މި މުބާރާތުގައި ހޯމަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ބުރު ސްޕޯޓްސް މޮޅުވީ ޖޭޖޭ ސްޕޯޓްސް ކުލަބު އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ބުރު ސްޕޯޓްސްއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ބްރޫނޯ އަރަބަލް ޕަސަމާނީއެވެ. މި މެޗުގެ 58 ވަނަ މިނެޓުގައި ބުރު ސްޕޯޓްސްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސްޓެފަން ޑުރިޗެވެ. އަދި މި މެޗުގައި ބުރުން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ގަބައްލާ މުޙައްމަދެވެ.

ޖުމްލަ 16 ޓީމާއެކު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި ފަހަރުގެ ދެވަނަ ޑިވިޝަން ރޭވިފައިވާ ގޮތުން ދެ ގްރޫޕުން އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ސެމީ ފައިނަލަށް ފަހު ފައިނަލަށް ހޮވޭ ދެ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް ހޮވޭނެއެވެ.