ދުނިޔެ

ސޫރިއާގެ ސުލްހައިގެ ވާހަކަތަކަށް އިނދިކޮޅު ފަރާތްތައް ޖެނީވާއަށް


 އ.ދގެ އިސްނެގުމާއެކު ކުރިޔަށް ގެންދާ ސޫރިޔާގެ ސުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އެޤައުމުގެ އިދިކޮޅު ހައި ނެޝަނަލް ކައުންސިލްގެ ވަފްދު ޖެނީވާއަށް ހިނގައްޖެއެވެ.އެޗްއެންސީގެ ފަރާތުން 17 މީހުންގެ ބޮޑު ވަފްދެއް ޖެނީވާއަށް ދިޔައިރު އެޗްއެންސީގެ ތަރުޖަމާން ސާލިމް އަލް މުސްލަތް ބުނީ އެމީހުން ސުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވީ ނަތީޖާއެއް ނެރުމަށް ކަމަށެވެ. އަދި ސޫރިޔާގައި މަރުވަމުންދާ އެޤައުމުގެ ނިކަމެތި ކުޑަކުދިންނާއި އެޤައުމުގެ ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމުގެ އަޒުމުގައި ކަމަށެވެ. އަދި އެން.އެޗް.ސީ އިން ތިބީ މިހާރު ސޫރިޔާގައި ކުރިއަށްދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް ކަމަށްވެސް އެން.އެޗް.ސީ އިން ބުނެއެވެ.ޖެނީވާގައި ކުރިއަގެންދިއުމަށް ހަމަޖެހިފައިވާ ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވުމަށް ސޫރިޔާ ސަރުކާރުގެ ވަފުދެއްވެސް މިހާރުވަނީ ޖެނީވާއަށް ގޮސްފައެވެ. ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް އެންމެ ފުރަތަމަ ތާވާލުކޮށްފައިވަނީ ހުސްވި ހަފްތާގެ ހޯމަދުވަހު ބޭއްވުމަށެވެ.މީގެ ފަސް އަހަރު ދުވަސް ކުރިން ސޫރިޔާގައި ފެށި ހަނގުރާމައިގެ ސަބަބުން އެޤައުމުގެ އެތެރޭގައި އެތަށް މިލިއަން ބަޔަކު އުޅެމުންދަނީ ދިރިއުޅުމުގެ އެންމެ ޒަރޫރީ ބޭނުންތައްވެސް ނުފުދޭ ހާލެއްގައެވެ.ސޫރިޔާގެ ބައެއް ސަރަހައްދުތަކުގައި އަދިވެސް ވަރުގަދައަށް ޙަމަލާތައް ބަދަލުކުރަމުންދާއިރު، މި ޙަމަލާތަކުގެ ސަބަބުން ސޫރިޔާގެ ބައެއް ރަށްތައް ވަނީ އެކަހެރިވެފައެވެ.ހަނގުރާމައިގެ ދެފަރާތުން ޙަމަލާތައް ބަދަލުކުރާ ސަރަހައްދުގެ އިތުރުން، ސޫރިޔާގެ ސަރުކާރަށް ވާގިދޭ ފަރާތްތަކުން ހުއްޓުމެއް ނެތި ވައިގެ ހަމަލާތައް އަމާޒުވަމުންދާ ސަރަހައްދުތަކެއް ވެސްވެއެވެ. މިކަމުގެ ސަބަބުން ސޫރިޔާގައި ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކަށް ނުވަދެވޭ ސަރަހައްދުތައް ހިމެނޭއިރު ސުލްހައިގެ މަޝްވަރާތަކުގެ ތެރެއިން އެހީ ބޭނުންވެފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދެވޭނެ މަގެއް ފެންނާނެކަމަށް އދއިން ބުނެއެވެ.