ޚަބަރު

ލެޖެންޑްރީ އެކްޓްރެސް މަދޫބާލާގެ ބަޔޯޕިކެއް ހަދަނީ


ގިނަ ރިޕޯޓްތަކާއި ހީކުރުންތަކަށް ފަހު، ޔެސްޓަރއިޔަރގެ ލެޖެންޑަރީ އެކްޓްރެސް އަދި ހިންދީ ސިނަމާ މިހާތަނަށް ދުށް އެންމެ ކުޅަދާނަ އެއް ބަޠަލާ މަދޫބާލާގެ ބަޔޯޕިކެއް ހަދަން ތައްޔާރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ބަޔޯޕިކް އުފެއްދުމުގެ ފަހަތުގައި އޭނާގެ ކޮއްކޮ މަދޫރް ބްރިޖް ބޫޝަނާއި، "ޝަކްތީމަން"ގެ ޕްރޮޑިއުސަރުންވެސް ބައިވެރިވާނެއެވެ.

މި ފިލްމު އުފައްދާ ފަރާތްތަކުން މަދޫބާލާގެ ރޯލު ކުޅޭނެ ބަޠަލާއެއް ހޯދުމަށް ބޮލީވުޑްގައި މިވަގުތު އޭ ލިސްޓުގައި ހިމެނޭ ބަޠަލާއިންނާއި، އެންމެ ޓޮޕް ފިލްމު އުފައްދާ ފަރާތްތަކާއެކު ވާހަކަ ދައްކަމުން އަންނަކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މި ފިލްމު ސިނަމާތަކަށް އަންނާނެކަމަށް ބެލެވެނީ 2023 ގައެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނެފައިވާގޮތުގައި މަދޫބާލާގެ ބަޔޯޕިކަށް ވަރަށް ގިނަ އެކްޓަރުންނާއި ފިލްމު އުފައްދާ ފަރާތްތަކުން ޝައުގުވެރިވާ ކަމަށާއި، ނަމަވެސް ފިލްމުގެ ކާސްޓުންނާއި ކްރޫ ޝޯޓްލިސްޓް ކުރަން ފިލްމު އުފައްދާ ފަރާތްތަކުން އަދި އަވަސް އަރުވާލައިގެން ނޫޅޭ ކަމަށެވެ.

މި ފިލްމުގައި އޭނާގެ ހަޔާތުން ގެނެސްދޭނީ ކޮންބައެއްތޯއާއި، ފިލްމުގެ ވާހަކަ އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ފިލްމުގެ ޑައިރެކްޓަރާއި، ލިޔުންތެރިޔާ އަދި ޕްރޮޑަކްޝަން ސްޓޫޑިއޯ ކަނޑައެޅުމަށްފަހު ސްކްރިޕްޓާއި ކޮންޓެންޓް ފައިނަލް ކުރާނެއެވެ.

މަދޫބާލާގެ ކޮއްކޮ މަދޫރް ބްރިޖް ބޫޝަން ބުނީ ވަރަށް ކުރު އަދި އެހާމެ ސާދާ ދިރިއުޅުމެއް އުޅެމުން އައި އޭނާގެ ލޯބިވާ ދައްތައަށް ކަމެއް ކޮށްދިނުމަކީ އޭނާގެ ޒަމާންވީ ހުވަފެނެއް ކަމަށެވެ. އަދި މި ހުވަފެން ހަޤީޤަތަކަށް ހެދުމަށް ހުރިހާ އަންހެން ކޮއްކޮއިން ވެސް އެއްގަލަކަށް އެރުނުކަމަށް ވެސް ބުންޏެވެ.

މި ބަޔޯޕިކް ކާމިޔާބު ކަމާއެކު ގްރޭންޑް ލެވަލްއެއްގައި ތައްޔާރުކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް މަދޫރް ބުންޏެވެ. އަދި ފިލްމީ ދާއިރާގެ ތެރެއިންނާއި، ބޭރުންވެސް މާދޫބާލާގެ އާއިލާގެ ހުއްދަ ނެތި އޭނާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ބަޔޯޕިކެއް ނުވަތަ އެހެންވެސް ޕްރޮޖެކްޓެއް ނުހިންގުމަށްވެސް އެދިފައިވެއެވެ.

މަދޫބާލާއަކީ 1940 އިން ފެށިގެން 1960ގެ އަހަރުތަކާއި ހަމައަށް ހިންދީ ސިނަމާގައި ރަނިކަންކުރި ބަޠަލާއެކެވެ. މަދޫބާލާއަކީ އޭނާގެ ރީތިކަމާއި އެއްވަރަށް އެކްޓްކުރުމުގެ ހުނަރަށްވެސް ގިނަ ބައެއްގެ ތަޢުރީފު ލިބުނު ބަޠަލާއެކެވެ. އޭނާގެ 20 އަހަރުވީ ފިލްމީ ކެރިއަރުގައި 60 އަށްވުރެ ގިނަ ފިލްމު ކުޅެފައިވާއިރު، އޭނާއަކީ އެ ދުވަސްވަރު އެންމެ ބޮޑު ޢާމްދަނީއެއް ހޯދި އެއް ބަޠަލާއެވެ.