ކަނޑުއަޑީގެ ދިރުންތައް ހިމާޔަތްކޮށް އާލާކުރުމަށް ތަފާތު އެކި މަސައްކަތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދެއެވެ. މީގެތެރެއިން ފަރުތައް އާލާކުރުމުގެ މަސައްކަތަކީ ފާހަގަކޮށްލެވޭ މަސައްކަތެކެވެ. ފަރަކީ ރަށްރަށާއި، ކަނޑުގެ ދިރުމަށް މުހިއްމު ތަނަކަށްވާއިރު، އެ ފަރުތައް ނެތިއްޖެނަމަ ދިމާވާނެ ގެއްލުންތައްވެސް އެހާމެ ބޮޑެވެ.
ބައެއް ޤައުމުތަކުގައި ފަރުތައް އަލާކުރުމަށް ތަފާތު އެކި މަސައްކަތްތައް ކުރަމުންދާއިރު، އުރުދުންގައިވެސް ވަނީ މީގެ ދެތިން އަހަރެއް ކުރިން މިފަދަ މަސައްކަތެއް ފަށާފައެވެ. ފަރެއް އާލާކުރުމުގެ ގޮތުން އުރުދުންއިން ވަނީ ރެޑްސީގެ އަޑިއަށް މަތިންދާބޯޓެއް ފައްތާފައެވެ.
ލޮކްހީޑް މާޓިން އެލް1011 ޓްރިސްޓަރ މަރުކާގެ މި މަތިންދާބޯޓު 2019 ވަނަ އަހަރު ރެޑްސީއަށް ފައްތާފައިވަނީ އެ ސަރަހައްދުގައި އާޓިފިޝަލް ފަރެއް އަލާކޮށްގެން ކަނޑުގެ ދިރުންތައް އާލާކުރުމަށެވެ.
1980ގެ އަހަރުތަކުގައި ރަޖިސްޓްރީކޮށްފައިވާ މި މަތިންދާ ބޯޓަކީ ގިނަ އެއަރލައިންތަކެއްގެ ދަތުރުތައް ކޮށްފައިވާ މަތިންދާބޯޓެކެވެ. އޭގެތެރޭގައި ރޯޔަލް ޖޯޑަނިއަން، ޕޯޗުގަލްގެ ޓީއޭޕީ އެއަރ، ސްވިޑަންގެ ނޮވްއެއަރ އަދި ޕޯޗުގަލްގެ ލުޒްއެއަރ ހިމެނެއެވެ. މި މަތިންދާބޯޓު ބޭނުންކުރުން ހުއްޓާލާފައިވަނީ 2000ގެ އަހަރުތަކުގެ ތެރޭގައެވެ.
މި މަތިންދާބޯޓު ބޭނުންކުރުން ހުއްޓާލުމަށްފަހު ޕާކުކޮށްފައި އޮތީ ރެޑްސީގެ އައްސޭރި ފަށާ ދުރު ނޫން ހިސާބެއްގައި އޮންނަ އުރުދުންގެ ކިންގ ހުސައިން އިންޓަރނޭޝަނަލް އެއަރޕޯޓުގައެވެ. އަދި މި މަތިންދާބޯޓު ފައްތާފައިވަނީ ރެޑް ސީގައި ހިމެނޭ އުރުދުންގެ ގަލްފް އޮފް އަގަބާއަށެވެ.
ކަނޑުގެ ދިރުންތައް އާލާކުރުމާއި ޑައިވް ޓުއަރިޒަމްއަށް ފަތުރުވެރިންގެ ޝަޢުޤުވެރިކަން ހޯދުމުގެ މަޤްޞަދުގައި ފައްތާފައިވާ މި މަތިންދާބޯޓު އޮތީ ކަނޑުގެ 15 މީޓަރާއި 28 މީޓަރުގެ ދެމެދުގެ ފުން މިނެއްގައެވެ. މަތިންދާބޯޓުގެ ކުރީކޮޅު އެންމެ ތިލަ ހިސާބުގައި އޮތްއިރު، ފަހެއްކޮޅު އޮތީ އެންމެ ފުން ދިމާލުގައެވެ. އަދި ބޯޓު ތެރެއަށް ޑައިވްކުރާ މީހުންނަށް ފަސޭހަކޮށްދިނުމަށް ބޯޓުގެ ތެރޭގައި ހުރި ބައެއް ބައިތައް ވަނީ ނަގާފައެވެ.
ކަނޑުއަޑީގައި މި މަތިންދާބޯޓު އޮންނަތާ 3 އަހަރު ދުވަސްވެފައިވާއިރު ބޯޓުގެ ފިޔަގަނޑުގައި މުރަކަ މަޑުމަޑުން އާލާވަމުންދާކަމަށް މި ތަނަށް ޑައިވްކުރާ މީހުން ނަގާ ފޮޓޯތަކުން ފެނެއެވެ. އަދި ބައެއް ކަނޑުގެ ދިރުންތައްވެސް އެތަނުގައި އާލާވަމުންދާކަން ފޮޓޯތަކުން ފެނެއެވެ. މިގޮތުން ބޯވަ އެއްޗެހި ކާން އެސަރަަހައްދަށް އަންނަކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.
މިތަނަށް ޒިޔާރަތްކުރި ބައެއް މީހުން ބުނިގޮތުގައި ކަނޑުއަޑީގައި އޮންނަ މަތިންދާބޯޓެއްގެ ތެރެއަށް ގޮސް ޑައިވްކޮށްލުމަކީ ވަރަށް ތަފާތު އިހުސާސްތަކެއް ކުރެވޭކަމެއްކަމަށެވެ. ނަމަވެސް މިއީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެކަމެއް ނޫންނެވެ. މިތަނުގެ ފުންކަމުން ޕްރޮފެޝަނަލް ޑައިވަރުންނަށް ނޫނީ މިތަނަށް ޑައިވްއެއް ނުކުރެވޭނެއެވެ. އަދި ކުރީބައިގައި ރިޒަވޭޝަނެއް ހައްދައިގެން ނޫނީ މިތަނަށް ޒިޔާރަތެއް ނުކުރެވޭނެއެވެ.