ޚަބަރު

ހަނގުރާމައިގެ އިތުރު ފިޔަވައްސަކަށް ރަޝިޔާއިން ތައްޔާރުވަނީ


ޔޫކްރެއިނަށް އަރާ ކުރަމުންދާ ހަނގުރާމައިގެ އައު ފިޔަވައްސަކަށް ރަޝިޔާގެ ފައުޖުތަކުން ތައްޔާރުވަމުންދާ ކަމުގައި ޔޫކްރެއިނުން ބުނެފިއެވެ. ޔޫކްރެއިނުގެ އަސްކަރިއްޔާއިން މި ކަން ހާމަކޮށްފައި މި ވަނީ، އެ ޤައުމުގެ އަމާޒުތަކަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަ ކުރަން ރަޝިޔާގެ ދިފާޢީ ވަޒީރު އޭނާގެ ސިފައިންނަށް އަންގާފައިވާ ދަނޑިވަޅެއްގައެވެ.

ޔޫކްރެއިނުގެ އަސްކަރީ އޮފިޝަލަކު ބުނީ ރަޝިޔާގެ ފައުޖުތަކުން ރޮކެޓާއި މިސައިލް ހަމަލާތައް އިތުރުކޮށްފައިވާ ކަމުގައެވެ. އަދި، އަސްކަރީ ވައިގެ އުޅަނދުތައް ބޭނުންކޮށްގެން، ޔޫކްރެއިންގެ ސަރަޙައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާ ކަމުގައެވެ. މީގެ ތެރޭގައި އަސްކަރީ ހެލިކޮޕްޓަރު ވެސް ހިމެނޭ ކަމުގައި އެ ފަރާތުން ބުނެއެވެ.

އިރުމަތީގައިވާ ދޮނެޓްސްކުގައި ޔޫކްރެއިނުން އަދިވެސް ދިފާޢު ކުރަމުންދާ އެއް ރަށް ކަމުގައިވާ ސްލޮވިއާންސްކް ކައިރިއަށް ރަޝިޔާގެ ފައުޖުތަކުން މިހާރު ދަނީ ޖަމާވަމުންނެވެ. އަމާޒަކީ، އެ ރަށަށް ވެސް އަތްގަދަ ކުރުމެވެ. މީގެ އިތުރުން، ޔޫކްރެއިނުގެ ދެކުނުގައި ރަޝިޔާއިން ހިފާފައިވާ ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކުގެ ދިފާޢީ ކަންކަން ވަރުގަދަ ކުރަމުންދާ ކަމުގައި އިނގިރޭސި ވިލާތުގެ ދިފާޢީ ވުޒާރާއިން ވެސް ބުނެއެވެ.

ޔޫކްރެއިނުގެ އަސްކަރީ އަމާޒުތަކުގެ އިތުރުން ރަށްރަށުގައި ޢާންމުން ދިރިއުޅޭ ޢިމާރާތްތަކާއި ސަރަޙައްދުތަކަށް ވެސް ރަޝިޔާއިން ދަނީ ރޮކެޓާއި މިސައިލް ބޭނުން ކޮށްގެން ހަމަލާ ދެމުންނެވެ. ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި ދީފައިވާ ތަފާތު އެކި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 40 އަށްވުރެ މައްޗަށް އަރާފައެވެ. މީގެ ތެރޭގައި 70 އަހަރުގެ މުސްކުޅި އަންހެނަކާއި، ހަތަރު އަހަރުގެ ޑައުންސިންޑްރޯމް ބަލި ކުއްޖަކު ހިމެނެއެވެ.

ރަޝިޔާއިން ފެބުރުއަރީ 24 ގައި ޔޫކްރެއިނަށް އަރައި ފަށާފައިވާ މި ހަނގުރާމައަކީ، 1991 ވަނަ އަހަރު ކުރީގެ ރޫސީ ވިލާތް ރޫޅުމުން މޮސްކޯގެ އަތްދަށުން މިނިވަންވި ޤައުމުތައް އަލުން ހިފުމުގެ މަޤްޞަދުގައި ފަށާފައިވާ ހަނގުރާމައެއްގެ ގޮތުގައި ޔޫކްރެއިނުގެ އިތުރުން ހުޅަނގުގެ ޤައުމުތަކުން ވެސް ދެކެއެވެ.