ވިޔަފާރި

ފަތުރުވެރިކަމުގެ ބާނީންނާއި ކުރީގެ ރައީސުން ހިމެނޭހެން 50 ފަރާތަކަށް މަޓީގެ އެވޯޑް


ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުމުގެ ގޮތުން މިދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ 50 ފަރާތަކަށް މަޓީއިން ޚާއްސަ އެވޯޑެއް ދީފިއެވެ. މި އެވޯޑް ހަފްލާ ޝަރަފްވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. މި އެވޯޑު ދީފައިވަނީ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އަކީ ރާއްޖޭގެ ރުއަރިސްޓު ރިސޯޓްތައް ތަމްސީލްކުރާ މައި ޖަމްޢިއްޔާއެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް، މަޓީން ދީފައިވާ 50 އެވޯޑްގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް އެވޯޑަކީ ރާއްޖޭގައި ފަތުރުވެރިކަން ތަޢާރަފްކުރެއްވި ބޭފުޅުންނަށް ނުވަތަ ފަތުރުވެރިކަމުގެ ބާނީންނަށް ދީފައިވާ އެވޯޑެވެ. މިއެވޯޑް ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރެއްވި ބޭފުޅުންނަށް ވަނީ ދީފައެވެ. އޭގެތެރޭގައި ހިމެނެނީ މުހައްމަދު ޢުމަރު މަނިކާއި ޗަމްޕާ ހުސައިން އަފީފާއި ކެރަފާ އަޙްމަދު ނަސީމާއި ޖޯޖް ކޯބިންއެވެ.

ރާއްޖޭގައި ފަތުރުވެރިކަން ފަށްޓަވައިދެއްވި ބޭފުޅުންގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކުރީގެ ރައީސުންނަށްވެސް ވަނީ އެވޯޑް އަރުވާފައެވެ. އެގޮތުން ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި ކުރީގެ ރައީސް އިބްރާހީމް ނާސިރަށް ވަނީ އެވޯޑް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަޓީގެ ޗެއަރމަން މުޙައްމަދު ޢުމަރު މަނިކު ވިދާޅުވީ، މި އެވޯޑް ހަފްލާ ބޭއްވުމުގެ އެންމެ މުހިންމު ބޭނުމަކީ ފަތުރުވެރިކަމަށް އަގުހުރި ޚިދުމަތް ކުރެއްވި ފަރާތްތަކުގެ އަގު ވަޒަންކުރުންކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބު ވާހަކައަކީ މުޅި ދުނިޔެއިން ދައްކަމުން އަންނަ ވާހަކައެކަން ފާހަގަކުރައްވައި އުމަރު މަނިކު ވިދާޅުވީ، މިއަދު ރާއްޖޭގެ ފަތުރުވެރިކަން އޮތް ހާލަތައް ގެނެސްދެއްވި ފަރާތްތަކަށް ހައްޤު ޝުކުރު އަދާކުރުމަކީ ކުރެވޭވަރަށްވުރެ މާބޮޑުކަމެއްކަމަށެވެ.

މަޓީގެ އެވޯޑް ހަފްލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ޚިދުމަތްކޮށްދެއްވާފައިވާ އަމިއްލަ ފަރުދުންނާއި، ރިސޯޓްތަކާއި، އެއަރލައިންތަކާއި، ކުންފުނިތަކާއި، ޓްރެވެލް އެޖެންސީތަކަށްވެސް ވަނީ އެވޯޑް ދީފައެވެ. މި އެވޯޑުދިން ފަރާތްތައް ހޮވާފައިވަނީ އެވޯޑަށް ނޮމިނޭޓްކުރި ފަރާތްތައް ޖަޖިންގެ ޕެނަލްއަކުން ބެލުމަށްފަހުގައެވެ.

މި އެވޯޑް ހަފްލާގެ އިތުރުންވެސް ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މަޓީން އިތުރު ހަރަކާތްތަކެއް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި 265 މީހަކަށް އެވޯޑް ދިނުމަށް ޚާއްސަ އެވޯޑް ހަފްލާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން 2 ފޮތެއް، ނެރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރުކަމަށްވާތީ ޓޫރިޒަމް މިނިސްޓްރީއާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިހާތަނަށްވެސް ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.