ދުނިޔެ

ރަޝިއާގެ ޖެޓެއް ތުރުކީގެ ވައިގެސަރަހައްދަށް އަނެއްކާވެސް ވަދެއްޖެ


ރަޝިއާގެ ޖެޓެއް ތުރުކީ ވިލާތުގެ ވައިގެ ސަރަހައްދަށް އަނެއްކާވެސް ވަދެފައިވާ ކަމަށްބުނެ ތުރުކީވިލާތުން ތުހުމަތުކޮށްފިއެވެ.ތުރުކީވިލާތުގެ ރައީސް ތޮއްޔިބް އުރްދޮޣާން ވިދާޅުވީ ރަޝިއާގެ މަތިންދާ ބޯޓެއް ކަމަށް ބެލެވޭ އުޅަނދެއް އިއްޔެ މެންދުރުގެ ވަގުތެގައި ތުރުކީ ވިލާތުގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ކަމަށެވެ. އަދި މިއީ ޤަބޫލުކުރެވޭނެ އަމަލެއް ނޫންކަމަށެވެ.ތުރުކީވިލާތުން އިނގިރޭސި ބަހުންނާއި ރަޝިއާ ބަހުން ތަކުރާރުކޮށް އެ އުޅަނދަށް އިންޒާރު ދެމުންދިޔަކަމަށްވެސް އުރްދޮޤާން ފާހަގަކުރެއްވިއެވެ. އުރްދޮޣާން އިތުރަށް ވިދާޅުވީ ތުރުކީގެ ވައިގެ ސަރަހައްދަކީ ނޭޓޯގެ ބައެއް ކަމަށާއި ނޭޓޯއިން މިކަންތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި މިއީ ރަޝިއާއިން ދެޤައުމުގެ މެދުގައި އޮތް ނުތަނަވަސްކަން އިތުރުކުރުމަށް ކޮށްފައިވާ އަމަލެއް ކަމަށާއި މިފަދަ ކަންތައް ކުރާނަމަ ދެޤައުމުގެ ގުޅުން ރަނގަޅުވެ ސަރަހައްދުގައި ސުލްޙަ ޤާއިމްވުމުގެ ބަދަލުގައި ކަންތައް ދާނީ ގޯހުން ގޯހަށް ކަމަށްވިދާޅުވިއެވެ.ތުރުކީވިލާތުގެ ރައީސް ވަނީ މިއަމަލު ކުއްވެރިކުރައްވާ ރައިޝާއިން މިފަދަކަންތައްތައް ކުރާނަމަ އެކަމުގެ ބަދަލުފެންނާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރަޝިއާގެ މަތިންދާބޯޓެއް ތުރުކީވިލާތުގެ ވައިގެ ސަރަހައްދަށް ވަދެފައިވާކަމަށް ބުނެ ތުރުކީވިލާތުން ވަނީ ހަމަލާދީ އެ ބޯޓު ވައްޓާލާފައެވެ. އަދި އެއާ ގުޅިގެން ދެޤައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފައެވެ.