ކުޅިވަރު

ފިންލަންޑް އަތުން ޖަރުމަނަށް ފަސޭހަ މޮޅެއް


ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ގްރޫޕް ބީގައި ފިންލަންޑާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ޖަރުމަނުން ކާމިޔާބުކޮށްފިއެވެ.

މި މެޗް ޖަރުމަނުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ޖަރުމަނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް އެ ޓީމުންނެވެ. އެގޮތުން ޖަރުމަނުން ވަނީ މި މެޗުގައި 33 ހަމަލާ އުފައްދާފައެވެ.

އެކަމަކު މި މެޗުގައި ޖަރުމަނަށް ފިންލަންޑުގެ ޑިފެންސް ފުއަޅުވާލެވޭވަރުވީ މެޗުގެ 40 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސޯފިއާ ކްލެއިންހާންއެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި އެލެގްޒެންޑާ ޕޮޕް ވަނީ ޖަރުމަނަށް ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ޖަރުމަނުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ޖަހައިދިނީ ނިކޯލް އެންޔޯމީއެވެ.

މިމެޗާ ކުރިމަތިލިއިރުވެސް ޖަރުމަނަށް އޮތީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުގެ ޖާގައެއް ލިބިފައެވެ. އަދި ފިންލަންޑަށް ވަނީ މުބާރާތުގައި އިތުރަށް ކުރިއަށް ނުދެވޭނެކަންވެސް ޔަގީންވެފައެވެ.

މި ކާމިޔާބީއާއެކު ޖަރުމަނުން ގްރޫޕް މަރުހަލާ ނިންމާލީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކުއެވެ. އަދި ކުއާޓާގައި އަންނަ ބުރާސްފަތި ދުވަހު ބައްދަލުކުރާނީ ގްރޫޕް އޭގެ ދެވަނަ ޓީމު ކަމަށްވާ އޮސްޓްރިއާ އާއެވެ. އަދި ފިންލަންޑް މި ފަހަރުގެ މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުންވެސް މޮޅެއް ނުލިބިއެވެ.