ކުޅިވަރު

ޓީސީ ބަލިކޮށް މާޒިޔާ ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ތަފާތު ބޮޑުކޮށް ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ފަސް ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ 26 މިނެޓުގެ ތެރޭގައެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލީޑު ނަގާފައެވެ. ސްޕެއިންގެ މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އައިސަމެވެ. އެ ލަނޑާއެކު ޓީސީން އަލުން ކުޅުން ފެށިތަނާ ޓަނާ ވަނީ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ލަނޑެއް ކާމިޔާބުކޮށް، މާޒިޔާގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި މާޒިޔާއިން ތިންވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 19 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޓަނާ އެވެ. އަދި މެޗުގެ 25 ވަނަ މިނެޓުގައި ޓަނާ ނަގައިދިން ކޯނަރަކުން ސަމޫހު އަލީ (ސަމުއްޓެ) މާޒިޔާގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. އަދި އޭގެ މިނެޓެއް ފަހުން ޓަނާ ވަނީ އިތުރު ލަނޑެއް ޖަހައި، މެޗުގައި ހެޓްރިކް ހަދާފައެވެ.

މި މެޗުގެ ކުރީކޮޅު މާޒިޔާއިން ފަސް ލަނޑު ޖެހުމާއެކު ޓީސީން ވަނީ އެ ޓީމުގެ ފަހަތަށް ކުޅެމުންދިޔަ މުހައްމަދު އަޖުފާންގެ ބަދަލުގައި، ހަސަން އީނާޒް ކުޅެން އަރުވާފައެވެ. އެއާއެކު ޓީސީން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމަށްވެސް ފަހުން ވަނީ ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.

މި މެޗު މާޒިޔާއިން ނިންމާލާފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 80 ވަަނަ މިނެޓުގައި އެ ޓީމުގެ އައިސަމަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ.

މި މޮޅާއެކު ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް މާޒިޔާ ޖެހިލިއިރު، ބާކީ އޮތް ތިން މެޗުން ޗެމްޕިއަންކަން ކަށަވަރުކުރަން އެ ޓީމަށް ބޭނުންވަނީ ދެ ޕޮއިންޓެވެ. ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑަކާއެކު މާޒިޔާ އޮތްއިރު، އެ ޓީމަށް ކުޅުނު 18 މެޗުން ވަނީ 51 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގައި އޮތް ކުލަބު އީގަލްސްއަށް 17 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ. މީގެ އިތުރުން ތިންވަނައިގައި އޮތް ޓީސީއަށް 17 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ.