ޔުއޭފާ ވިމެންސް ޔޫރޯ 2022 ގެ ގްރޫޕް އޭގައި އިންގްލަންޑުން ނޯދަން އަޔަލަންޑްގެ މައްޗަށް ފަސޭހަކަމާއެކު ކުރިހޯދައިފިއެވެ.
މި މެޗަށް ނުކުތްއިރުވެސް އިންގްލަންޑް އޮތީ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި މެޗު އިންގްލަންޑުން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ.
އިންގްލަންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް އިންގްލަންޑުންނެވެ. ނަމަވެސް މިމެޗްގައި އިންގްލަންޑަށް ނޯދަން އައިލަންޑް ކޮޅަށް ފުރަތަމަ ލަނޑު ކާމިޔާބުކުރެވޭވަރުވީ ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރޭން ކަރބީއެވެ.
އަދި އެޓީމްގެ ދެވަނަ ލަނޑު ފުރަތަމަ ހާފް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ޖަހާދިނީ މިފަހަރުގެ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ ބެތު މީޑްއެވެ. މިއީ އޭނާ މިފަހަރުގެ މުބާރާތުގައި ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.
މިމެޗްގައި އިންގްލަންޑްގެ ތިންވަނަ ލަނޑާއި ހަތަރު ވަނަ ލަނޑު މެޗްގެ 48 ވަނަ މިނެޓާއި 53 ވަނަ މިނެޓްގައި ޖަހާދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެގޮތުގައި އެރި އެލޭސިއާ ރޫސޯއެވެ. އަދި އިންގްލަންޑްގެ ފަހު ލަނޑަކީ މެޗްގެ 76 ވަނަ މިނެޓްގައި ނޯދަން އައިލަންޑްގެ ކެލްސީ ބަރޯސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗްގައި އިންގްލަންޑްގެ ކޯޗް ސަރީނާ ވެއިގްމަން ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވެފައިވުމުގެ ސަބަބުން ބެންޗްގައި އިނދެވޭގޮތެއް ނުވިއެވެ. އަދި މިކަމުގެ އަސަރު މެޗްގެ ކުރީކޮޅު ފެނިގެންދިޔައެވެ.
މިކާމިޔާބީއާއެކު އިންގްލަންޑް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ކްއާޓަރ ފައިނަލަށް ދިޔައިރު އެޓީމް ދެވަނަ ބުރަށް ދިޔައީ ބައިކޮޅަށް އެއްވެސް ލަނޑެއް ވަނަނުދީއެވެ. އަދި މިއަންނަ ބުދަ ދުވަހު ކުޅޭ މެޗްގައި އިންގްލަންޑަށް ވާދަކުރަން ޖެހޭނީ ސްޕެއިން ނުވަތަ ޑެންމާކް އާއެވެ. އަދި މިނާކާމިޔާބީއާއެކު ނޯދަން އައިލަންޑް ވަނީ މިފަހަރުގެ މުބާރާތް ކުޅުނު ތިން މެޗުންވެސް ބަލިވެ މުބާރާތުން ކަޓާފައެވެ.