ވިޔަފާރި

ތަރުކާރީއާއި މޭވާގެ 6 ބާވަތެއް އެތެރެކުރުން މަދުކުރުމަށް އައު ގޮތްތަކެއް!


ރާއްޖެއަށް އެތެރެކުރާ 6 ބާވަތެއްގެ މޭވާއާއި ތަރުކާރީ އެތެރެކުރުން ހުއްޓާލުމަށް އެގްރޯނެޓުން ދަނޑުވެރިކަމުގެ އިތުރު މޮޑެލެއް ތައާރަފްކުރުމަށް ތައްޔާރުވެއްޖެއެވެ.

އެގްރޯނެޓުން މިހާރުވެސް އަންނަނީ ރާއްޖެއަށް އެތެރެކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައް ހެއްދުމަށް ދަނޑުވެރިންނާއެކު އެއްބަސްވުން ހަދައިގެން ކޮންޓްރެކްޓް ފާމިންގެ މަސައްކަތް ކުރަމުންނެވެ. އެކުންފުނިން ބުނީ އަލަށް ފަށާ މޮޑެލަކީ ކޮންޓްރެކްޓް ފާމިންއާއި ތަފާތު މޮޑެލެއްކަމަށެވެ.

އެގްރޯނެޓަކީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރުން އުފައްދާފައިވާ ކުންފުންޏެވެ. މި ކުންފުނި އުފެއްދީ 2020ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ.

އެގްރޯނެޓުން މިހާރު އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނޑުވެރިންނާއިއެކު އެއްބަސްވުންތައް ހަދައި 17 ބާވަތެއްގެ މޭވާއާއި ތަރުކާރީ ހައްދަމުންނެވެ. މިއީ ކުޑަބިންކޮޅެއްގައި ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރެވޭނެފަދަ ގޮތަކަށް ފަރުމާކޮށްފައިވާ މޮޑެލްއެކެވެ. ކޮންޓްރެކްޓް ފާމިންއާއި ހިލާފަށް އެގްރޯނެޓުން މިހާރު އަންނަނީ އިތުރު މޮޑެލްއަކަށް ދަނޑުވެރިކަން ކުރުމަށް ތައާރަފްކުރުމަށް މަސައްކަތްކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެގްރޯނެޓުން ވިދާޅުވީ، މި މޮޑެލްގައި ބަލަނީ ބިންބޮޑު ރަށްރަށުން 1 ލައްކަ އަކަފޫޓުގެ ބިން ނެގުމަށްފަހުގައި ދަނޑުވެރިކަން ކުރުމަށްކަމަށެވެ. މީގެކުރިން މަސައްކަތް ކުރީ އެގްރިކަލްޗަރ މިނިސްޓްރީން ލަފާދީފައިވާ 17 ބާވަތް ހެއްދުމުގެ މަސައްކަތެވެ. މި މޮޑެލްގައި މަސައްކަތްކުރާނީ ހުރިހައި ބާވަތްތައް ހެއްދުމުގެ ބަދަލުގައި ދާއިމީކޮށް ހެއްދޭނެ 6 ބާވަތެއް ކަނޑައަޅާފައި އެ 6 ބާވަތް ހެއްދުމަށްކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ. އޭގެތެރޭގައި ކަރާ، ފަޅޯ، ކިޔުކަންބާ، ބަރަބޯ، ބަޓާނާ ހިމެނެއެވެ. މި މަސައްކަތް ކުރުމަށް މިހާރު ބިން ހޯދުމަށް ކައުންސިލްތަކާއި ވާހަކަދައްކަމުން އަންނަކަމަށާއި ބައެއް ރަށްރަށުން ބިން ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

އެގްރޯނެޓުން ވިދާޅުިވީ މި މަޝްރޫއުގެ މަޤްސަދަކީ ހައްދާތަކެތި އިތުރުކޮށް ދާއިމީކޮށް އެތަކެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އަދި ރާއްޖެ އެތެރެކުރާ ތަކެތި މަދުކޮށް މުސްތަޤްބަލުގައި އެތަކެތި ރާއްޖެ އެތެރެކުރުން އެއްކޮށް ހުއްޓާލުމަކީވެސް މި މަޝްރޫއުގެ އަމާޒެކެވެ. އަދި ދާއިމީކޮށް ރިސޯޓްތަކަށް ތަކެތި ސަޕްލައިކުރުމެވެ. 1 ލައްކަ އަކަފޫޓުގެ ބިންތަކުގައި ދަނޑުވެރިކަން ކުރާ މޮޑެލް އެގްރޯނެޓަށާއި ރަށްރަށުގެ ކައުންސިލްތަކުން ވަރަށް ގާތުން މޮނިޓަރ ކުރާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.