ލ.ގަމުގައި ތަރައްޤީކުރާ 100 ހައުސިން ޔުނިޓްގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މަސައްކަތް ފެށުމަށް ބޭނުންވާ ބަރު ވެހިކަލާއި އެހެނިހެން ސަމާނު މިހާރު ވަނީ އެރަށަށް ގެންގޮސްފައެވެ.
އާބާދީ އިތުރުވަމުން އަންނަ ރަށްރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން، ގަމުގައި 100 ހައުސިން ޔުނިޓް ހަދަން އެސްޖޭ ކޮސްޓްރަކްޝަނާ ޙަވާލުކުރައްވާފައިވަނީ މިއަހަރުގެ މެއި މަހުއެވެ.
ގަމުގައި ކުރިއަށްގެންދާ ހައުސިން މަޝްރޫޢުގައި ހިމެނެނީ މުޅިންވެސް 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ. މިއީ 1000 އަކަފޫޓުގެ ހައުސިން ޔުނިޓްތަކެކެވެ. އެގޮތުން ކޮންމެ އެޕަރޓްމަންޓެއްގައި 3 ކޮޓަރިއާއި، 3 ފާހަނައާއި، ސިޓީންރޫމް، ބަދިގެ އަދި ލޯންޑްރީއާއި ސްޓޯ ރޫމެއް ހުންނާނެއެވެ.
އެސްޖޭ ކޮންސްޓްރަކްޝަނުން މިހާރު ވަނީ، މިމަޝްރޫއުގެ ޢަމަލީ މަސައްކަތަށް ބޭނުންވާ ބަރު ވެހިކަލާއި އެހެނިހެން ސާމާނު ރަށަށް ގެންގޮސްފައެވެ. އަދި އެކަމަށް ވޭނުންވާ ލޭބަރުންވެސް މިހާރުވަނީ ގަމަށް ގޮސްފައެވެ. މި މަޝްރުއުގެ ކޮސްޓްރަކްޝަން މަސައްކަތްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ރަށުގައި ފަށާފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫޢުގައި ހިމަނައިގެން، ހައުސިން ޔުނިޓްތައް ހަދާ ސަރަޙައްދަށް ބޭނުންވާ ބައެއް އާއްމު ޚިދުމަތްތައް ޤާއިމުކުރުން ހިމެނެއެވެ. އެގޮތުން ހައުސިން ޔުނިޓްތައް ހިމެނޭ ސަރަޙައްދު އަލިކުރުމަށް ލައިޓް ޖެހުމާއި، ވެހިކަލް ޕާކުކުރާނެ އޭރިއާއެއް ހެދުން ހިމެނެއެވެ. މީގެއިތުރުން ހައުސިން ޔުނިޓްތަކަށް ދިރިއުޅުން ބަދަލުކުރާ އާއިލާތަކަށް ހިތްފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމަށް، އެތަނުގައި ޕާކެއް ހެދުންވެސް އެއްބަސްވުމުގައި ހިމެނެއެވެ.
ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދާ މި މަޝްރޫޢުއަކީ 84 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަންއާއި ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތުގައި މަސައްކަތް ނިންމާ ގޮތަށެވެ.
ލ.ގަމަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑެތި ރަށްތަކުގެ ތެރެއިން ރަށެކެވެ. ގަމުގެ ރެޖިސްޓަރޑް އާބާދީ 4800އަށްވުރެ އިތުރެވެ.
މިމަހުވެސް ސަރުކާރުންވަނީ އަތޮޅުތަކުގެ 3 ރަށެއްގައި ޖުމްލަ 550 ހައުސިން ޔުނިޓް ހަދަން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ. އެއީ ހދ.ކުޅުދުއްފުށީގައި ހަދާ 400 ޔުނިޓް، ޅ.ހިންނަވަރުގައި 100 ޔުނިޓް އަދި ށ.މިލަންދޫގައި ހަދަން ހަވާލުކުރި 50 ހައުސިން ޔުނިޓެވެ.
މީގެ އިތުރުންވެސް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ހަވާލުކޮށްފައިވާ އެކިއެކި ހައުސިން މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ދަނީ ކުރިއަށެވެ.