ޚަބަރު

ވޭތުވެދިޔަ 10 އަހަރުތެރޭގައި 12123 މުދައްރިސުން ދަސްވެނިވި!


ވޭތުވެދިޔަ 10 އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގައި ހިންގި މުދައްރިސުންގެ ތަފަތު ފެންވަރުގެ ކޯސްތަކުން ދަސްވެނިވެފައިވަނީ 12123 މީހުންކަމަށް ދިވެހިރާއްޖޭގެ ސަރުކާރުން ހާމަކުރައްވައިފިއެވެ.

މިކަން ހާމަވެފައިވަނީ މުދައްރިސުން ލިބުމުގައާއި، ލިބިފައިވާ މުދައްރިސުންނަށް ކިޔަވައިދިނުމުގައި ދެމިތިއްބެވުމަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ކޮމިޓީން ކުރި ދިރާސާގެ ރިޕޯޓްގައެވެ. އެރިޕޯޓުގައި ވާގޮތުން 10 އަހަރުތެރެގައި ދަސްވެނިވި މީހުންގެ ތެރެއިން ގިނައީ އަންހެނުންނެވެ.

2011ވަނަ އަހަރުން ފެށިގެން 2020ވަނަ އަހަރުގެ ނިޔަލަށް ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހިންގި މުދައްރިސުން ތަމްރީން ކުރުމުގެ އެކި ކޯސްތަކުން 12123 މީހަކު ދަސްވެނިވިއިރު އެންމެ ގިނައިން މީހުން ދަސްވެނިވެފައިވަނީ 2020ވަނަ އަހަރުގައެވެ. އެއަހަރު ޖުމުލަ 4371 މީހަކު ދަސްވެނިވެފައިވެއެވެ. މި ރިޕޯޓުން ދައްކާގޮތުގައި ދެން އެންމެ ގިނައިން ދަސްވެނިވެފައިވަނީ 2016ވަނަ އަހަރުގައެވެ. އެއީ 1330 މީހުންނެވެ. މުދައްރިސުންގެ ގޮތުގައި އެންމެ މަދުން މީހުން ދަސްވެނިވެފައިވަނީ 2011 ވަނަ އަހަރުގައެވެ. އެއީ 398 މީހުންނެވެ.

ރިސާރޗް ކޮމެޓީން އެކުލަވާލި ރިޕޯޓްގައި ވާގޮތުން ދަސްވެނިވި މީހުންގެ ތެރެއިން 7875 މީހުންނަކީ އަންހެނުންނެވެ. އަދި 4248 މީހުންނަކީ ފިރިހެނުންނެވެ. މި މީހުން ފުރިހަމަކޮށްފައިވާ ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ކޯސްތަކާއި ޑިޕްލޮމާއާއި ޑިގްރީ އަދި މާސްޓަރ ފެންވަރުގެ ކޯސްތައް ހިމެނެއެވެ. މިގޮތުން ދިވެހި ރާއްޖޭގެ ޤައުމީ ޔިނިވަރސިޓީން 1977ވަނަ އަހަރުން 2021ވަނަ އަހރުގެ ނިޔަލަށް މުދައްރިސްކަން ކިޔެވި މީހުންގެ ތެރެއިން މާސްޓަރސް ހާސިލް ކޮށްފައިވަނީ %19 މީހުންނެވެ. ބެޗްލަރ %20 މީހުން ހާސިލްކޮށްފައިވެއެވެ. ޑިޕްލޮމާ ހާސިލްކޮށްފައިވަނީ %25 މީހުންނެވެ. އަދި އެންމެ ގިނަ މީހުން ހާސިލްކޮށްފައިވާ ޕޯސްޓްގެޖުއޭޓް ޑިޕްލޮމާއެވެ. އެއީ %36 މީހުންނެވެ.
.

އެމްއެންޔޫގެ އިތުރަށް 2007ވަނަ އަހަރުގައި ދިވެހިރާއްޖޭގެ އިސްލާމި ޔުނިވަރސިޓީންވެސް މުދައްރިސުން ތަމްރީން ކުރުމުގެ މަސައްކަތްތައް ފެށިއެވެ. މިގޮތުން 2021ވަނަ އަހަރުގެ ނިޔަލަށް އެ ޔުނިވަރސިޓީން މުދައްރިސުން ތަމްރީނުކުރަން ހިންހި ކޯސްތަކުގެތެރެއިން %35 ކޯހަކީ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރުގެ ކޯސްތަކެވެ. %25 އިންސައްތަ ޑިޕްލޮމާ ފެންވަރުގެ ޓީޗިން ކޯސްތައް ހިންގާފައިވެއެވެ. ބެޗްލަރ ފެންވަރުގެ ކޯސްތައް ހިންގި ނިސްބަތަކީ %23 އެވެ. އަދި %20 އަކީ މާސްޓަރސް ފެނަވްރުގެ ޓީޗިން ކޯސްތަކެވެ.

މިކޯސްތަކުގެ ތެރެއިން %56 މީހުންވަނީ ޕްރައިމެރީ ކްލާސްތަކުގައި ކިޔަވާ ދަރިވަރުންނަށް ކިޔަވއިދިނުމަށްޓަކައި ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސްއަށް ތަޢުލީމް ހާސިލްކޮށްފައެވެ. %36 މީހުން ސެކަންޑަރީގައި ކިޔަވާ ކުދިންނަށް ކިޔަވައިދިނުމަށްޓަކައި ސެޓްފިކެޓް އިން ފެށިގެން މާސްޓަރސްއަށް ތަޢުލީމް ހާސިލް ކުރިއެވެ.

މިގޮތުން އެ ޔުނިވަރސިޓީން ވަނީ 2021ވަނަ އަހަރުގެ ނިޔަަލަށް 1162 މުދައްރިސުން ތަމްރީން ކޮށްފައެވެ. މީގެ ތެރެއިންވެސް އެންމެ ގިނައީ ޤުރުއާނާއި އިސްލާމާއި އިސްލާމީ ސްޓަޑީޒްއަށް ތަމްރީން ކުރި މުދައްރިސުންނެވެ. އެގޮތުން 2011ވަނަ އަހަރުން ފެށިގެން 2020ވަނަ އަހަރާހަމައަށް މިދާއިރާއިން ޖުމުލަ 2175 މީހުން ތަމްރީންކުރިއެވެ.

މީގެ އިތުުރުން ސަރުކާރުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒެއް އުފެއްދުމުގެ ސަބަބުން އެތަނުން ޤުރުއާން މުދައްރިސުންވެސް ތަމްރީން ކުރަން ފެށިއެވެ. 2000ވަނަ އަހަރުންފެށިގެން 2020ވަނަ އހަރުގެ ނިޔަލަށް އެ މަރުކަޒުން ވަނީ 836 މުދައްރިސުން ތަމްރީންކޮށްފައެވެ.