ޚަބަރު

"ރަންދިހަފަހެއްގެ" ވަގު ނޫޓްތަކެއް ދައުރެއް ނުވޭ- އެމްއެމްއޭ


ދިވެހި ރުފިޔާ "ރަންދިހަފަހެއްގެ" ވަގު ނޫޓްތަކެއް ދައުރުވަމުން ނުދާކަމަށް އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.މިއަދު ހަވީރު އެމްއެމްއޭގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ގަވަރނަރ މަރިޔަމް ޙުސައިން ދީދީ، ވިދާޅުވީ، ވަގުނޫޓް ދައުރުނުވާ ކަމަށާއި ވަގުނޫޓުގެ ގޮތުގައި ސޯޝަލް މީޑިއާގައި ޢާންމުކޮށްފައިވާ ފައްސަތޭކަ ރުފިޔާގެ ފޮޓޯއަކީ، 10 ރުފިޔާގެ ނޫޓެއް ކުލަ ފުހެލައިގެން އެއަށް 500 ރުފިޔާގެ ހުރި ފަރުމާ ޕްރިންޓްކޮށްފައިވާ ކޮޕީއެއްކަމަށެވެ. އޭނާ ވިދާޅުވީ، އެ ކޮޕީގައި ކުލަވެސް ތަފާތު ކަމަށާއި، ފައްސަތޭކަ ރުފިޔާގެ ނޫޓްގައި ހުންނަ އެއްވެސް ސަލާމަތީ ސިފައެއްވެސް އެ ކޮޕީގައި ނެތްކަމަށެވެ. އަދި ދެފަރާތް ފެންނަ ގޮތަށް ހުންނަ ކްލިއަރ ވިންޑޯގައިވެސް ވަނީ 10 ރުފިޔާގެ ނޫޓުގައި ހިމަނާފައވާ ބޮޑުބެރުގެ ޑިޒައިނާއި، ވިންޑޯގެ ތެރެއިން ފެންނަން ހުންނަ ދިހައެއްކަންވެސް މަރިޔަމް ޙުސައިން ދީދީ ފާހަގަކުރެއްވިއެވެ.ލޮލަށް ފެނުމުގެ ދަތިކަން ހުންނަ މީހުންނަށް ޚާއްޞަކޮށްގެން ދިހަ ރުފިޔާގައި "ޓެކްޓަލް ޑޮޓްސް"ގެ ގޮތުގައި ހިމަނާފައިވާ ތިނެސްކަން ޑިޒައިނަށްވެސް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ 500 ރުފިޔާގެ ފޮޓޯގައި އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް މަރިޔަމް ޙުސައިން ދީދީ ވިދާޅުވިއެވެ. އަދި 500 ރުފިޔާގެ ނޫޓުގައި ވިދާ ދެލިން ޕްރިންޓްކޮށްފައިވާ ޑިޒައިންވެސް އެ ކޮޕީގައި، ވަނީ އެގޮތަށް ނޫންކަމަށާއި، ޔޫވީ ލައިޓުން ފެންނަ އެއްވެސް ސިފައެއްވެސް އެ ކޮޕީގައި ނެތްކަން މަރިޔަމް ދީދީ ފާހަގަކުރެއްވިއެވެ.މަރިޔަމް ޙުސައިން ދީދީ ވިދާޅުވީ، އަލަށް ނެރުއްވި ނޫޓް ސީރީޒްގެ ވަގުނޫޓް ހެދުމަކީ ވަރަށް އުނދަގޫކަމެއް ކަމަށެވެ. އަދި މިހާރު ދައުރުވާ ކޮޕީގެ އިތުރު ކޮޕީތަކެއް ގެންގުޅެފާނެތީ، މާދަމާއިން ފެށިގެން އަނެއްކާވެސް އާ ނޫޓުތަކަށް ޢާންމުން ހޭލެންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފަށްޓަވަން ނިންމަވާފައިވާ ކަމަށް މަރިޔަމް ދީދީ ވިދާޅުވިއެވެ.