ކުޅިވަރު

ފެނަބާޗޭ ދޫކޮށް އޮޒިލް ބަޝަކްޝެހީރަށް ސޮއިކޮށްފި


ޖަރުމަނުގެ ތަޖުރިބާކާރު މިޑްފީލްޑަރު މެސުޓް އޮޒިލް ޓާކިޝް ސުޕަ ލީގުގެ އިސްތަންބޫލް ބަޝަކްޝެހީރަށް ސޮއިކޮށްފިއެވެ.

އޭނާ އެ ކުލަބަށް ސޮއިކުރީ އެ ލީގުގެ ފެނަބާޗޭއާއެކު ހަދާފައިވާ އެއްބަސްވުން، ދެ ފަރާތް އެއްބަސްވެގެން އުވާލުމަށްފަހުއެވެ.

ބަޝަކްޝަހީރުން ހާމަކުރިގޮތުގައި އޮޒިލް އެ ކުލަބާއި ގުޅިފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އިތުރު އެއް އަހަރަށް އެއްބަސްވުން އިތުރު ކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

އޮޒިލް މީގެ ކުރިން ފެނަބާޗޭއާ ގުޅިފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު، ހިލޭ ޓްރާންސްފާއެއްގެ ދަށުން ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް މި އަހަރުގެ މާޗު މަހުގެ ތެރޭގައި ޓީމުން ބާކީކުރި ފަހުން، އޭނާ ފެނަބާޗޭއަށް ކުޅެފައެއް ނުވެއެވެ.

އޮޒިލް ހާމަކޮށްފައިވާ ގޮތުގައި ފެނަބާޗޭ އާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަކީ އޭނާ ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އެއާއެކު އޮޒިލް ވަނީ ފެނަބާޗޭގެ ކޮމިއުނިޓީ އާއި ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ފެނަބާޗޭގައި ހޭދަކުރި ދޮޅު އަހަރު ދުވަހުގެ ތެރޭގައި ވަނީ 37 މެޗު ކުޅެދީނުވަ ލަނޑު ކާމިޔާބުކޮށްދީފައެވެ.