ކުޅިވަރު

ވިމެންސް ޔޫރޯ 2022 ގައި ކުޅިބެލުންތެރިންގެ ރިކޯޑު މުގުރާލައިފި


ޔުއެފާ ވިމެންސް ޔޫރޯ 2022 ގައި ބާކީ 15 މެޗު އޮއްވައި ކުޅިބެލުންތެރިންގެ ރިކޯޑު މުގުރާލައިފިއެވެ.

ޔޫރޯ 2017 ގައި ނެދަލަންޑްސްގައި ބޭއްވި މުބާރާތުގައި މުޅި ޖުމްލަ ކުޅިބަލަން ވަދެފައިވަނީ 240،055 (ދެ ލައްކަ ސާޅީސް ހާސް ފަންސާސް ފަހެއް) މީހުންނެވެ.

އެކަމަކު މި ފަހަރުގެ މުބާރާތުގެ ގްރޫޕް މަރުހަލާ ނުނިމެނީސް ވަނީ އެ ރިކޯޑު މުގުރާލެވިފައެވެ. އެގޮތުން ފްރާންސް އާއި ބެލްޖިއަމް ބައްދަލުކުރި މެޗާއެކު، މި ފަހަރުގެ މުބާރާތުގައި ކުޅިބަލަން ވަން މީހުންގެ އަދަދުވަނީ 248،075 (ދެ ލައްކަ ސާޅީސް އަށްހާސް ހަތްދިހަ ފަހެއް) މީހުންނަށް އަރާފައެވެ.

މިމުބާރާތުގެ ފުރަތަމަ މެޗު ކަމަށްވާ އިންގްލަންޑާއި އޮސްޓްރިއާ ބައްދަލުކުރި މެޗަކީ މިހާތަނަށް އަންހެނުންގެ ޔޫރަޕިއަން ޗެމްޕިއަންޝިޕުގެ މެޗެއް ބަލާލުމަށް އެންމެ ގިނަ މީހުން ދަނޑަށް ވަން މެޗެވެ. އެގޮތުން އެ މެޗު ބަލާލުމަށް 68،871 (ފަސްދޮޅަސް އަށްހާސް އަށްސަތޭކަ ހަތްދިހަ އެކެއް) މީހުން އޯލްޑް ޓްރެފަޑް ސްޓޭޑިއަމަށް ވަނީ ވަދެފައެވެ. މިއީ 2013 ވަނަ އަހަރު ސްވިޑެންގައި ބޭއްވި މުބާރާތުގެ ފައިނަލް މެޗުގައި ޖަރުމަނުން ނޯވޭ ބަލިކުރި މެޗުގައި ކުޅިބަލަން ވަން މީހުންނަށްވުރެ 27،570 (ހަތާވީސް ހާސް ފައްސަތޭކަ ހަތްދިހަ) މީހުން ގިނަ އަދަދެކެވެ.

މީގެ އިތުރުން އިންގްލަންޑުން 8-0 ގެ ނަތީޖާއަކުން ނޯވޭ ބަލިކުރި މެޗު ބަލާލުމަށް 28،847 (އަށާވީސް ހާސް އަށްސަތޭކަ ސާޅީސް ހަތެއް) މީހުން ވަނީ ވަދެފައެވެ. އެހެންކަމުން މިފަހަރުގެ މުބާރާތުގައި މިކަމުގައި އިތުރު ރިކޯޑުތައް މުގުރިގެންދާނެކަމަށް ވަނީ ބެލެވިފައެވެ. އެގޮތުން އެންމެ ގިނަ މީހުން ވަންނަ މެޗަކަށް ވެމްބްލީގައި ބާއްވާ ފައިނަލް މެޗު ވެގެންދާނެކަމަށްވެސް ވަނީ ބެލެވިފައެވެ.