ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ގްރޫޕް ޑީގައި އިޓަލީ އާއި އައިސްލަންޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ގްރޫޕް މަރުހަލާ ފަހަނަ އަޅައި ދާން ބޭނުންނަމަ މޮޅުވުން ދެ ޓީމަށްވެސް މުހިންމު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިޓަލީންނެވެ. ނަމަވެސް މި މެޗުގެ ފެށުން ރަނގަޅުވީ އައިސްލަންޑުގެއެވެ. އެގޮތުން އައިސްލަންޑުން ވަނީ މެޗްގެ ތިންވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެރޮލީނާ ލިއާ ވިލްޔަލްމްސްޑޯޓާއެވެ.
އެކަމަކު ފުރަތަމަ މެޗެކޭ އެއްގޮތަށް މި މެޗުގައިވެސް އައިސްލަންޑަށް އެ ޓީމުގެ ލީޑު ދެމެހެއްޓޭ ގޮތެއްނުވިއެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި އިޓަލީން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވެލެންޓީނާ ބާގަމާޝީއެވެ. މި މެޗުގެ ފަހު ހާފުގައި އިޓަލީން ކުޅުން ރަނގަޅުކޮށްފައިވުމުން، އެ ޓީމަށް މިމެޗުން މޮޅުވުމުގެ ފުރުސަތުވެސް ލިބިގެންދިޔައެވެ. އެކަމަކު އައިސްލަންޑުން ވަނީ ރަނގަޅަށް ޑިފެންސްކޮށް، އިޓަލީ ހުއްޓުވާފައެވެ.
މި މެޗު އެއްވަރުވުމުން އިޓަލީއަށް މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ޕޮއިންޓް ލިބިފައިވާއިރު، އައިސްލަންޑް ވަނީ ދެ ޕޮއިންޓާއެކު ގްރޫޕުގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. ނަމަވެސް ކުއާޓާ ފައިނަލަށް ދާން ބަލާއިރު، އައިސްލަންޑް ދެން ބައްދަލުކުރަން ޖެހޭނީ ގްރޫޕުގެ އެއްވަނަ ޓީމު ކަމަށްވާ ފްރާންސްއާއެވެ. އަދި އިޓަލީ އާއި ބެލްޖިއަމް ބައްދަލުކުރާ މެޗަކީ އެ ދެ ޓީމަށްވެސް މުހިންމު މެޗަކަށް ވެގެންދާނެއެވެ.