ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ގްރޫޕް ޑީގައި ބެލްޖިއަމް ބަލިކޮށް ފްރާންސުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
މި މެޗު ފްރާންސުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފްރާންސުންނެވެ. އެއާއެކު މި މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީވެސް ފްރާންސުންނެވެ. މެޗު ފަށައިގެން ހަވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކަޑިޑިއާޓޫ ޑިއާނީއެވެ.
އެކަމަކު އޭގެ ފަހުން ފުރަތަމަ ހާފުގައި ބެލްޖިއަމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔަނީސް ކޭމަންއެވެ. ބެލްޖިއަމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިތާ ފަސް މިނެޓު ފަހުން ފްރާންސުން ވަނީ އަނެއްކާވެސް ލަނޑެއް ކާމިޔާބުކޮށް، އަލުން ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ގްރިޖް އެމްބޮކް ބެތީއެވެ.
މި މެޗުގެ ފަހު ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މި މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ފްރާންސް ޓީމަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ވެންޑީ ރެނާޑް ފޮނުވާލި ޕެނަލްޓީ ވަނީ ބޭކާރުވެފައެވެ. މި ޕެނަލްޓީ ދިނުމުގެ ތެރޭގައި ބެލްޖިއަމުގެ އެމްބާ ޓައިސިއަކާށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.
މި ކާމިޔާބީއާއެކު ފްރާންސް މިހާރު ވަނި ގްރޫޕް ޑީގެ އެއްވަނަ މަގާމު ކަށަވަރުކޮށްފައެވެ. އެއީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދައިގެންނެވެ. އަދި ދެވަނައިގައި އުޅޭ އައިސްލަންޑަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. މި މުބާރާތުގެ ކުއާޓާގައި ފްރާންސް ބައްދަލުކުރާނީ ގްރޫޕް ސީގެ ދެވަނަ ޓީމާއެވެ.