ކުޅިވަރު

ޖޭޖޭއިން ފަހަތުން އަރައި ބިސް ބުރު ބަލިކުރިއިރު، ބުރު ސްޕޯޓްސްއަށް މޮޅެއް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ޖޭޖޭ ސްޕޯޓްސް ކުލަބުން ފަހަތުން އަރައި ބިސް ބުރު ސްޕޯޓްސް ކުލަބު ބަލިކުރިއިރު، ކުޑަ ހެންވޭރު ޔުނައިޓެޑުގެ މައްޗަށް ބުރު ސްޕޯޓްސް ކުލަބުން ކުރިހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު މެޗުން ގްރޫޕް އެކެއްގައި ހިމެނޭ ޖޭޖޭ މޮޅުވީ ފަހަތުން އަރައި 4-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ޖޭޖޭއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ނިޔާޒް މުޙައްމަދު (ބޮކުރީ) އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ބިސް ބުރު ޓީމުގެ އީރާނުގެ ފޯވާޑް އާމިރު މެމާރީ ވަނީ ހެޓްރިކް ހަދައި، އެ ޓީމު ކޮޅަށް ނަތިޖާ އަނބުރާލާފައެވެ.

ނަމަވެސް މި މެޗުގެ ދެވަނަ ހާފުގައި ޖޭޖޭއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑު ޖަހައި، މެޗުން މޮޅުވެފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ބޮކުރީ އާއި، އިސާމް މުޙައްމަދު އަދި މުއާޒް އަލީއެވެ.

މީގެ އިތުރުން މި މުބާރާތުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ގްރޫޕް އެކެއްގައި ހިމެނޭ ބުރު ސްޕޯޓްސް މޮޅުވީ ކުޑަ ހެންވޭރު ޔުނައިޓެޑް އަތުން 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ބުރު ސްޕޯޓްސްއިން ވަނީ ދެ ލަނޑު ލީޑެއް ނަގާފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާބިއާގެ ފޯވާޑް ސްޓެފަން ޑުރިކް އާއި މުޙައްމަދު ތަސްނީމް (ތައްތި) އެވެ.

އޭގެ ފަހުން މެޗު ނިމެން ގާތްވެފައި ވަނިކޮށް ކުޑަ ހެންވޭރުގެ މިސްރުގެ ފޯވާޑް އިސްލާމް ފެކްރީ އެ ޓީމަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭގެ މިނެޓެއް ފަހުން އަޙްމަދު ރަޝީދު (އައްމަޑޭ) ވަނީ ބުރު ސްޕޯޓްސްގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. މި މެޗުގައި ކުޑަ ހެންވޭރުން އަލުން ފަރަގު ކުޑަކޮށްފައިވަނީ އިތުރު ވަގުތުގެ ފަހު މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަކުމަލް މުޙައްމަދެވެ.

ޖުމްލަ 16 ޓީމާއެކު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި ފަހަރުގެ ދެވަނަ ޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ގައުމީ ފުޓްބޯޅަ ދަނޑުގެ އިތުރުން މާފަންނު ޓާފް ދަނޑާއި ވިލިމާލޭގައި ދާދިފަހުން ހުޅުވި ޓާފް ދަނޑުގައެވެ.

މުބާރާތް ރޭވިފައިވާ ގޮތުން ދެ ގްރޫޕުން އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ސެމީ ފައިނަލަށް ފަހު ފައިނަލަށް ހޮވޭ ދެ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް ހޮވޭނެއެވެ.