ވިޔަފާރި

ދުނިޔޭގެ އެންމެ މަޤްބޫލު 100 ހޮޓަލުގެ ތެރޭގައި ރާއްޖޭގެ 2 ރިސޯޓެއް


ދުނިޔޭގެ އެންމެ މަޤަބޫލު 100 ހޮޓެލްގެ ތެރޭގައި ރާއްޖޭގެ 2 ރިސޯޓެއް ހިމެނިއްޖެއެވެ.

މިއީ ފަތުރުވެރިކަމާއި ގުޅުންހުރި މައުލޫމާތު ފޯރުކޮށްދޭ ބައިނަލްއަޤްވާމީ ޕްލެޓްފޯމްއެއްކަމަށްވާ ޓްރެވެލް ލެޝަރއިން އާންމުކޮށްފައިވާ ލިސްޓެކެވެ.

ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކުރާ މީހުންގެ ހިޔާލަށް ބަލައިގެން ޓްރެވެލް ލެޝައިން އަންނަނީ ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެންމެ މަޤްބޫލު 100 ހޮޓެލްގެ ލިސްޓެއް އެކުލަވާލަމުންނެވެ. ޓްރެވެލް ލެޝައިން ބުނެފައިވަނީ ހޮޓެލްތައް ހޮވުމުގައި އެންމެ ބޮޑަށް ބަލާފައިވާނީ އެތަންތަނުން ފަތުރުވެރިންނަށް ލިބޭ ޙިދުމަތާއި، ތަޖުތިބާތަކުގެ މައްޗައްކަމަށެވެ.

މިއަހަރުގެ ދުނިޔޭގެ އެންމެ މަޤްބޫލު ހޮޓެލް ލިސްޓުގައި ރާއްޖޭގެ 2 ރިސޯޓެއް ވަނީ ހިމެނިފައެވެ. އެގޮތުން ލިސްޓުގެ 3 ވަނައިގައި ހިމެނިފައިވަނީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓެވެ. މާލެ އަތޮޅުގައި ތަރައްޤީކޮށްފައިވާ "ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި" ރިސޯޓު ހުޅުވާފައިވަނީ 2019 ވަނަ އަހަރުގައެވެ. މި ރިސޯޓަކީ މަޝްހޫރު ހިލްޓަން ބްރޭންޑުގެ ދަށުން ހިންގާ ލަގްޒަރީ ރިސޯޓް ބްރޭންޑެއްކަމަށްވާ ވޮލްޑޯފް އެސްޓޯރިއާއިން ތަރައްޤީކުރި ރިސޯޓެކެވެ.

ފަޅު ހިއްކައިގެން ތިން ރަށް ގުޅުވާލައިގެން ތަރައްޤީކޮށްފައިވާ މިރިސޯޓުގައި 122 ކޮޓަރި ހުރެއެވެ. މީގެތެރޭގައި އޯވަރ ވޯޓަރ ވިލާއާއި ރީފް ވިލާ އަދި ބީޗް ވިލާ ހިމެނޭއިރު، ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ހިމެނެއެވެ. ރީފް ބީޗް އަދި ވޯޓަރ ވިލާތަކުގައި މޫދާއި ގުޅިފައިވާ ގުދުރަތީ ޕޫލަކާއި ސްވިންގިންގ ބެޑެއް ހިމެނެއެވެ. މީގެ އިތުރުން ފަތުރުވެރިންނަށް ޚާއްސަކޮށްގެން ރިސޯޓުގައި ސްޕާގެ ޚިދުމަތްތަކާއި ޖިމް، ސްވިމިންގ ޕޫލް އަދި އެންޓެޓެއިންމެންޓް ސެންޓަރެއްގެ ޚިދުމަތް ލިބެން ހުރެއެވެ.

އިތާފުށީގައި ތަރައްޤިކޮށްފައިވާ ވިލާތަކާއި ސްޕާތަކުގެ އިތުރުން ރިސޯޓަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ފަތުރުވެރިންނަށް ޚިދުމަތްދިނުމަށްޓަކައި ރިސޯޓުގައި ހުންނަ 11 ރެސްޓޯރެންޓެވެ. ކޮންމެ ތަނަކުން ތަފާތު ވައްތަރެއްގެ ކެއުންތަކާއި ރަހަތައް ލިބިގެންދާއިރު ރިސޯޓުގައި ތަރައްޤީކޮށްފައިވާ ޓްރީޓޮޕް ޑައިނިންގ ރޫމްއިން ކޮށްލެވޭ ތަޖުރިބާ މާބޮޑަށްވެސް ތަފާތުވާނެކަމަށް ރިސޯޓު ހިންގާ ފަރާތުން ބުނެއެވެ.

އިތާފުށި ރިސޯޓަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު ރިސޯޓެކެވެ. ފޯބްސްއިން 2021 ވަނަ އަހަރު ހޮވި އަހަރުގެ "ހޮޓެލް އިންސްޓަގްރާމް އޮފް ދި އިޔާ" ގެ އެވޯޑްވެސް މީގެކުރިން ވަނީ އިތާ ފުއްޓަށް ލިބިފައެވެ.

މި ލިސްޓުގެ 5 ވަނައިގައި ހިމެނިފައިވަނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓެވެ. މިއީވެސް މާލެ އަތޮޅުގައި ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. މި ރިސޯޓްގައިވެސް 4 ވައްތަރެއްގެ ކޮޓަރިތައް ހުރެއެވެ. އެއީ ބީޗް ވިލާއާއި ވޯޓަރ ވިލާއާއި، ގްރޭންޑް ރެސިޑެންސްގެ އިތުރުން ގްރޭންޑް ސަންސެޓް ރެސިޑެންސްއެވެ. މި ރިސޯޓްގައި ތަފާތު އެކި ބާވަތްތަކުގެ ކެއުންތައް ލިބޭ 5 ރެސްޓޯރަންޓެއް ވަނީ ހަދާފައެވެ.

ޓްރެވެލް ލެޝަރއިން ހޮވި ދުނިޔޭގެ އެންމެ މަޤްބޫލު ހޮޓެލްގެ ލިސްޓުގައި ރާއްޖޭގެ 2 ރިސޯޓެއް ހިމެނިފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހޮޓެލްގައި މި ލިސްޓުގައި ވަނީ ހިމެނިފައެވެ. އެގޮތުން ލިސްޓުގެ 1 ވަނައިގައި ހިމެނިފައިވަނީ އިޓަލީގެ ހޮޓެލްއެކެވެ. އަދި ލިސްޓުގެ 2 ވަނައިގައި އުޅެނީ ގްރީސްގެ ހޮޓެލްއެކެވެ.