ޚަބަރު

މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅެއްގައި ބައިޑަން އިސްރާއީލަށް


މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އިސްރާޢީލަށް ވަޑައިގަންނަވައިފިއެވެ. ބެން ގޫރިއަން އެއަރޕޯޓުން އޭނާއަށް މަރުޙަބާ ވިދާޅުވީ އިސްރާޢީލުގެ ބޮޑުވަޒީރު ޔައިރް ލަޕީދެވެ. އިސްރާޢީލަށް ކުރައްވާ މި ދަތުރުފުޅުގައި ފަލަސްތީނާ އެކު ޞުލްޙަ ޤާއިމު ކުރުމާއި، ސަޢޫދީ ޢަރަބިއްޔާއާ އިސްރާޢީލާ ދެމެދުގައި އޮތް ގުޅުން ހަރުދަނާ ކުރަން ބައިޑަން މަސައްކަތް ކުރައްވާނެއެވެ.

ބައިޑަން އެންމެ ފުރަތަމަ ފަހަރަށް އިސްރާޢީލަށް ވަޑައިގަންނަވާފައިވަނީ 1973 ވަނަ އަހަރު ސެނެޓުގެ މެންބަރެއްގެ ގޮތުގައެވެ. މި ދަތުރުފުޅުގައި ލަޕީދާއެކު ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވީ، އެމެރިކާއާއި އިސްރާޢީލާ ދެމެދު އޮންނަ ގުޅުމަކީ "ހަށިގަނޑުގެ ކަށިތަކަށް އަސަރު ކުރާފަދަ ފުން" ގުޅުމެއް ކަމުގައެވެ.

"ޔަހޫދީއަކަށް ނުވި ނަމަވެސް ޒަޔަނިސްޓަކަށް ވެވިދާނެ،" ބައިޑަން ވިދާޅުވިއެވެ. ނަމަވެސް، ފަލަސްތީނާއި އިސްރާޢީލުގެ މިނިވަން ދެ ދަޢުލަތް ޤާއިމު ކުރުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް މައްސަލައަށް އޮތް އެންމެ އުންމީދީ ހައްލު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މިއީ ބައިޑަން އިސްރާޢީލަށް ކުރައްވާ 10ވަނަ ޒިޔާރަތެވެ. ލަޕީދު ވެސް ވަނީ ބައިޑަންއަކީ ވަރަށް ފާހަގަކޮށްލެވޭ ޒަޔަނިސްޓެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި އޭނާއަކީ އިސްރާޢީލުގެ އެންމެ ގާތް އެކުވެރިޔާ އަދި ރަޙުމަތްތެރިޔާ ކަމުގައި ވެސް ލަޕީދު ވިދާޅުވިއެވެ.

ބައިޑަންގެ މި ދަތުރުފުޅުގައި ދެ ދުވަސް އިސްރާޢީލުގައި ހޭދަ ކުރައްވާނެއެވެ. އަދި އެއަށްފަހު، ހުޅަނގު އައްސޭރިއަށް ވަޑައިގަންނަވައި ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާހާ ބައްދަލުކުރައްވާނެވެ. ބައިޑަން ދެން ވަޑައިގަންނަވާނީ ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށެވެ. އެ ތަނުގައި ގަލްފުގެ ބައެއް ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށް އެ ޤައުމުތަކަށް އޭނާ ބާރު އަޅުއްވާނެއެވެ.