ސްރީ ލަންކާގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އެ ޤައުމުގައި ކުއްލި ހާލަތު އިޢުލާނުކޮށްފިއެވެ. ކުއްލި ހާލަތުގެ އަމުރު ނެރެފައި ވަނީ އެ ޤައުމުގެ ވަގުތީ ރައީސްގެ ހައިސިއްޔަތުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ. އޭނާ އެ ޤައުމުގެ ވަގުތީ ރައީސްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގަތީ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ޤައުމު ދޫކޮށް ވަޑައިގެންނެވުމުންނެވެ.
ބޮޑުވަޒީރުގެ އޮފީހުން ބުނީ ކުއްލި ހާލަތު އިޢުލާނު ކުރުމާ އެކު ސްރީލަންކާގެ ހުޅަނގުގެ ސަރަޙައްދުތަކުގައި ކާފިއުއެއް ވެސް އިޢުލާނުކޮށްފައިވާ ކަމުގައެވެ. ރާޖަޕަކްސަ ޤައުމު ދޫކޮށް ވަޑައިގެންވުމުން، ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ މީހުންގެ އަމާޒު ހުއްޓިފައި މި ވަނީ ބޮޑުވަޒީރު ވިކްރަމަސިންހައަށެވެ. މުޒާހަރާ ކުރަމުންދާ މީހުން ދަނީ އިސްތިޢުފާ ދިނުމަށް އޭނާއަށް ގޮވައިލަމުންނެވެ. އަދި، އޭނާއަކީ ރާޖަޕަކްސަގެ ޢާއިލާއަށް ވާގިވެރިވެދޭ މީހެއްގެ ގޮތުގައި މުޒާހަރާ ކުރާ މީހުން ދެކެއެވެ.
ބުދަ ދުވަހު މުޒާހަރާގެ ބައިވެރިން ވަނީ ވެރިރަށް ކޮލަމްބޯގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ އޮފީހަށް ވަދެ، އެ ތަން ހިސާރުކޮށްފައެވެ. އެ ތަނަށް ޢާންމުން ވަދެފައި ވަނީ ތިން ގަޑިއިރަށް ދެމިގެންދިޔަ ކުރިމަތިލުންތަކަކަށް ފަހުއެވެ. މި ކުރިމަތިލުންތަކުގައި، ހަތިޔާރު އަޅައިގެން ތިބި ފުލުހުންނާއި ސިފައިން ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ކަރުނަ ގޭސް ބޭނުން ކޮށްފައެވެ. މި ކަމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ވިކްރަމަސިންހަ ވިދާޅުވީ އޭނާގެ އޮފީސް ފަޅައިލުމަށް އެއްވެސް ސަބަބެއް އޮތްކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމުގައެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ސްރީލަންކާގެ ރިޔާސީ ގަނޑުވަރަށް ވެސް ވަދެގަނެފައެވެ. އަދި، އެ ތަން ހިސާރުކޮށްފައެވެ. މުޒާހަރާ އިންތިޒާމު ކުރާ ޓީމުތަކުން މިހާރު ވަނީ ރިޔާސީ ގަނޑުވަރު ބަލައިލުމުގެ ފުރުޞަތު ޢާންމުންނަށް ހުޅުވައިލާފައެވެ. އެ ދުވަހު ގޮތަބަޔާ ވަނީ ބުދަ ދުވަހު އިސްތިޢުފާ ދެއްވައި، ވެރިކަން ބަދަލު ކުރުމުގެ ފުރުޞަތު ދޭނެ ކަން ޤާނޫނު ހަދާ މަޖިލީހުގެ ރައީސަށް އަންގަވާފައެވެ. ނަމަވެސް، އަންގާރަ ދުވަހުގެ ރޭ އޭނާ ވަނީ ފިއްލަވައިގެން ޤައުމު ދޫކުރައްވާ ވަޑައިގަންނަވާފައެވެ.
ސްރީލަންކާގެ މަސްރަޙު މި ވަގުތު އޮތީ ވަރަށް ނާޒުކު ހާލަތެއްގައެވެ. ޤައުމު އިޤްތިޞާދީ ގޮތުން ފުން ވަޅުގަނޑަކަށް ވެއްޓުނީ ރާޖަޕަކްސަގެ ޢާއިލާގެ އަމަލުތަކާއި ނާގާބިލު ސިޔާސަތުތަކުގެ ސަބަބުން ކަމަށް އެ ޤައުމުގެ ރައްޔިތުން ޤަބޫލު ކުރެއެވެ. ތެލާއި ގޭހުގެ އިތުރުން ކާބޯތަކެތި ހުސްވެ، ޒަރޫރީ ބޭނުންތައް ފުއްދުމަށް އެ ޤައުމުގެ ރައްޔިތުން ވަނީ ނުކުޅެދިފައެވެ.
ސްރީލަންކާގެ ސަރުކާރުގެ މައި ހަތަރު މަޤާމެއް ފުރުއްވަނީ ރާޖަޕަކްސަ ޢާއިލާ ހަތަރު ބެއިންނެވެ. މީގެ ތެރެއިން 73 އަހަރުފުޅުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވެރިކަމާ ހަވާލުވެ ވަޑައިގަތީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ. ސްރީލަންކާގެ އަސްކަރިއްޔާގައި ޚިދުމަތް ކުރައްވާފައިވާ ގޮތަބަޔާއަކީ، ސްރީލަންކާގެ ދާޚިލީ ހަނގުރާމައަށް ނިމުމެއް ގެނައުމުގައި އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ. 2009 ވަނަ އަހަރު ހަނގުރާމައަށް ނިމުމެއް ގެނައި އިރު އޭނާ ހުންނެވީ ދިފާޢީ ވަޒީރުގެ މަޤާމުގައެވެ.
76 އަހަރުފުޅުގެ މަހިންދަ ރާޖަޕަކްސައަކީ ކުރިން ރައީސް ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ރައީސްގެ މަޤާމާ ހަވާލުވެވަޑައިގަތީ 2005 ވަނަ އަހަރުއެވެ. އަދި، އެއަށްފަހު ޢާއިލީ ވެރިކަމެއް ޤާއިމު ކުރުމަށް އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ސްރީލަންކާގެ ބޮޑުވަޒީރުގެ މަޤާމާ އޭނާ ހަވާލުވެވަޑައިގަތީ 2019 ނޮވެންބަރު މަހުއެވެ. ސަރުކާރާ ދެކޮޅު މުޒާހަރާތަކާ ގުޅިގެން އޭނާ ވަނީ މޭ މަހު އިސްތިޢުފާ ދެއްވާފައެވެ.
މަހިންދަ ރާޖަޕަކްސަގެ ދެ ދަރިކަލުން ކަމުގައިވާ ނަމަލް އަދި ޔޮޝީތާ ރާޖަޕަކްސައަކީ ވެސް ވަޒީރުންނެވެ. މީގެ ތެރެއިން 36 އަހަރުފުޅުގެ ނަމަލް ރާޖަޕަކްސަ އެ ޤައުމުގެ ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރުގެ މަޤާމަށް ޢައްޔަންކޮށްފައި ވަނީ 2020 އޮގަސްޓު މަހުއެވެ. ނަމަލް ވެސް ވަނީ އޭޕްރިލް މަހުގެ ތެރޭގައި އިސްތިޢުފާ ދެއްވާފައެވެ. އަދި އޭނާގެ ކޮއްކޯފުޅު ކަމުގައިވާ 34 އަހަރުފުޅުގެ ޔޮޝީތާ ފުރުއްވާފައި ވަނީ ބައްޕާފުޅުގެ ޗީފް އޮފް ސްޓާފްގެ މަޤާމެވެ. އޭނާ ވަނީ މޭ މަހުގެ ތެރޭގައި ޤައުމު ދޫކުރައްވާ ވަޑައިގަންނަވާފައެވެ.
ރާޖަޕަކްސަ ޢާއިލާގެ ހަތަރު ބެއިންގެ ތެރެއިން އެންމެ ހަގު ބޭފުޅަކީ 71 އަހަރުފުޅުގެ ބަސިލް ރާޖަޕަކްސައެވެ. އޭނާ ހުންނެވީ މާލީ ވަޒީރުގެ މަޤާމުގައެވެ. އަދި ސަރުކާރާ ދެކޮޅު މުޒާހަރާތަކާ ގުޅިގެން އޭނާ އިސްތިޢުފާ ދެއްވާފައި ވަނީ މި ޖުލައި މަހުގެ ތެރޭގައެވެ.
ރާޖަޕަކްސަ ޢާއިލާގެ އެންމެ ދޮށީ މެންބަރަކީ ޗަމަލް ރާޖަޕަކްސައެވެ. 79 އަހަރުފުޅުގެ ޗަމަލް ވެސް ހުންނެވީ ވަޒީރެއްގެ މަޤާމުގައެވެ. އަދި، އޭޕްރިލް މަހުގެ ތެރޭގައި ކެބިނެޓުގެ ގިނަ މެންބަރުންތަކެއް އިސްތިޢުފާ ދެއްވުމާ އެކު އޭނާ ވެސް ވަނީ ސަރުކާރުގެ މަޤާމުން ވަކިވެވަޑައިގަންނަވާފައެވެ.
ޗަމަލްގެ ދަރިކަލުން، 46 އަހަރުފުޅުގެ ޝަސީންދްރާ ރާޖަޕަކްސަ އަދާކުރައްވާފައި ވަނީ ދަނޑުވެރިކަމާ ބެހޭ ސްޓޭޓް މިނިސްޓަރެއްގެ މަޤާމެވެ. އޭނާ އިސްތިޢުފާ ދެއްވާފައި ވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ.
ސްރިލާންކާގެ އައު ރައީސްގެ މަޤާމަށް ބޭފުޅަކު ޢައްޔަންކޮށް އަންނަ ހަފުތާގައި އެ ބޭފުޅެއްގެ ނަން އިޢުލާނު ކުރާނެއެވެ. ސްރީލަންކާގެ ވެރިކަން ކުރާ ޕާޓީން ބުނީ، އެ މަޤާމަށް ޢައްޔަންކުރާނެ ކަމަށް ބެލެވެނީ މިހާރުގެ ބޮޑުވަޒީރު، އަދި ވަގުތީ ރައީސް، ވިކްރަމަސިންހަ ކަމުގައެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން އަދި ނިންމުމެއް ނިންމާފައި ނުވާ ކަމަށް ވެސް ޕާޓީން ބުނެއެވެ.