ހުކުރު ދުވަހު ރާއްޖޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ އަންހެން ކެޓަގަރީގެ އިވެންޓުތައް ކުރިއަށްދާނީ މާލެ އަތޮޅު ކްރޮސްރޯޑްސް ރިސޯޓުގައި ކަމަށާއި، ކ. މާފުށީގައި ބާއްވާނީ ފިރިހެން ޑިވިޝަނުގެ އިވެންޓުތައް ކަމަށް ބުނެފިއެވެ.
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އާއި ކުޅިވަރާ ބެހޭ ވުޒާރާއިން ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އޭޝިއަން ބޮޑީބިލްޑިން މުބާރާތުގެ ފިރިހެން ޑިވިޝަނުގެ އިވެންޓުތައް މާފުށީ ޓޫރިސްޓުން އުޅޭ ސަރަހައްދުގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާއިރު، އަންހެން އިވެންޓުތައް ހޯސްޓްކުރާނީ ކްރޮސްރޯޑްސްގައި ކަމަށެވެ.
ބީބީއޭއެމް އާއި ކުޅިވަރާ ބެހޭ ވުޒާރާއިން މި ނޫސްބަޔާން ނެރެފައި ވަނީ އެކި ފަރާތްތަކުން މީހުން ދިރިއުޅޭ ރަށެއްގައި މި އިވެންޓް ހޯސްޓްކުރާތީ އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ޚިޔާލުފާޅު ކުރަމުންދިޔަ ދަނޑިވަޅެއްގައެވެ.
އެއާއެކު މި ނޫސްބަޔާނުގައި ވަނީ މިއީ ރާއްޖޭގައި ބާއްވާ ބޮޑީބިލްޑިންގެ ބައިނަލްއަގުވާމީ ދެ ވަނަ މުބާރާތްކަން ފާހަގަކޮށްފައެވެ. އެ ގޮތުން އެންމެ ފުރަތަމަ ބޭއްވި މުބާރާތަކީ 2001 ވަނަ އަހަރު ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ސައުތު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތެވެ.
ހުކުރު ދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކ. މާފުށީގައި ބާއްވާ މި މުބާރާތުގައި އޭޝިއާ ބައްރުގެ 26 ގަައުމަކުން 500 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ. ރާއްޖެއިން މި މުބާރާތުގައި ވާދަކުރާނީ 20 އެތުލީޓުން ކަމަށް ބީބީއޭއެމްއިން މައުލޫމާތުދެއެވެ.
އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް އެންމެ ފަހުން ހޯސްޓުކުރީ 2019 ވަނަ އަހަރު އިންޑޮނީޝިއާގެ ބަތާމްގައެވެ. ރާއްޖޭގައި އޭޝިއާގެ މައި ބޮޑީބިލްޑިން މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބުނީ 2019 ވަނަ އަހަރު މުބާރާތް ބާއްވަންކުރި ބިޑް ކާމިޔާބުކޮށްގެންނެވެ. އެކަމަކު ކޮވިޑް-19 އާއި އެކިއެކި ސަަބަބުތަކާ ހުރެ މި އަހަރަށް މުބާރާތް ވަނީ ފަސްކޮށްފައެވެ.
އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު، އެ މުއްދަތުގެ ތެރޭގައި އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަނުގެ ކޮންގްރެސްވެސް ރާއްޖޭގައި ބާއްވާނެ ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. މި މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު 2019 ވަނަ އަހަރު ލިބުނުއިރު، ރާއްޖޭގައި މީގެ ކުރިން ބޭއްވި އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތަކީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތް ބޭއްވީ މާލެ އާއި އައްޑޫ ސިޓީގައެވެ.
މި ފަހަރުގެ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ ބްރޯޑްކާސްޓިން މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.