ޚަބަރު

ބޯހިމެނުމަށް ސައްޙަ މަޢޫލޫމާތާއި ރައްޔިތުންގެ އެއްބާރުލުން މުހިއްމު


މިއަހަރުގެ ސެޕްޓެމްބަރުމަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުން ތަމްރީން ކުރުމުގެ މަސައްކަތް މިމަހުގެ 17 ވަނަ ދުވަހު ފަަށާނެއެވެ. މި ތަމްރީންތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 އިން ފެށިގެން ސެޕްޓެމްބަރު މަހާ ހަމަޔަށް އެކި ދުވަސްތަކަށް ބަހާލައިގެންނެވެ. މި ބޯހިމެނުމުގެ މަސައްކަތްތަކަށް މި ޓީމްތައް ތައްޔަރުކުރާއިރު މި މަސައްކަތަށް ރައްޔިތުންގެ އެއްބާރުލުންވެސް ބޭނުންވެއެވެ. ޚާއްސަގޮތެއްގައި ބޯހިމެނުމަށް ދޭ މަޢުލޫމާތުތަކަކީ ސައްޙަ މަޢުލޫމާތުތަކަށް ވާންޖެހެއެވެ.

ބޯހިމެނުމަކީ މުޅި އާބާދީގައި ހިމެނޭ އެންމެންގެ މައުލޫމާތު އެއްފަހަރާ ނެގެމެވެ. އަންނަ ސެޕްޓެމްބަރު މަހު ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދާނީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްފަހަރާއެވެ. މިއީ ފީލްޑަށް ނުކުމެ، ގޭބިސީތަކަށް ޒިޔާރަތްކޮށްގެން މައުލޫމާތު އެއްކުރެވޭ ކަމަކަށްވާއިރު މިކަމުގައި ރާއްޖޭގައި ދިރިއުޅޭ އާބާދީ- ދިވެހިން އަދި ބިދޭސީންގެ މަޢުލޫމާތުތައް އެއްކުރާނެއެވެ.

މިފަހަރު ބޯހިމެނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި މިވަނީ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން އަދި އިގްތިސާދީ މަސައްކަތް ހިންގާ ތަންތަނުގެ ބޯހިމެނުމެވެ. މިގޮތުން ބޯހިމެނުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ތާރީހްއަކީ ސެޕްޓެމްބަރު މަހުގެ13އިން 25 އަށެވެ. 13 އިން 14 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މީހުން ދިރިއުޅޭ އަދި މަސައްކަތް ހިންގާ ހުރިހާ ތަންތަނުގެ ލިސްޓިންގ ނެގުމުގެ މަސައްކަތެވެ. އަދި 17 އިން 25 އަށް ކުރިއަށްދާނީ ވަކިވަކި ގޭބިސީ ތަކަށް ގޮސްގެން ދިރިއުޅޭ ތަންތަނާއިބެހޭ މައުލޫމާތު އަދި ވަކި ވަކި މީހުންގެ މައުލޫމާތު ނެގުމުގެ މަސައްކަތެވެ. އަދި ހުރިހާ މަސައްކަތް ހިންގާ ތަންތަނަށް ގޮސްގެން އެތަންތަނުގެ މައުލޫމާތުތައްވެސް ނަގާނެއެވެ.

މިގޮތުން ބޯހިމެނުމަށްޓަކައި މަޢުލޫމާތުތައް ނެގުމަށް މި ޓީމުން ތަންތަނަށް ޒިޔާރަތް ކުރާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 8 އިން އިރުއޮއްސި 6 ޖެހުމާ ދެމެދުގައެވެ. އެހެންކަމުން މިވަގުތުތަކުގައި ބޯހިމެނުމުގެ ޓީމްތަކުން ގެތަކަށާއި މަސައްކަތް ކުރާތަންތަނަށް ދާއިރު މަޢުލޫމާތު ދިނުމަށް ވަގުތު ހުސްކޮށްގެން ތިބުން މުހިއްމެވެ. ޚާއްސަކޮށް މާލޭގެ ބައެއް ގެތަކީ ކޮންމެ ކޮންމެ މީހަކަށް ވަދެ ނުކުމެވޭ ގޮތަށް އިމާރާތްކޮށްފައިވާ ތަންތަނަށް ނުވުމުން ބޯހިމެނުމުގެ މަސައްކަތުގައި އުޅޭ ޓީމަށް އެތަންތަނަށް ވަދެވޭނެ އިންތިޒާމްތައް ހަމަޖެއްސުންވެސް މުހިއްމެވެ. އަދި ބޯހިމެނުމަށް ދޭ މަޢުލޫމާތަކީ ސައްޙަ މަޢުލޫމާތަށްވެސް ހަދަން އެބަޖެހެއެވެ. ސަބަބަކީ ބޯހިމެނުމުގައި ފޯރުކޮށްދޭ މަޢުލޫމާތުތަކަކީ ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށާއި ތަރައްޤީއަށްވެސް މުހިއްމު މަޢުލޫމާތުތަކަކަށް ވަނެތީއެވެ.

މިއަހަރުގެ ބޯހިމެނުގައި އާންމު ފަރުދުންގެ ފަރާތުން ދިރިއުޅޭ ތަނާއި ބެހޭ މައުލޫމާތުތަކާއި، ދިރިއުޅޭ ތަނުގެ ބޮޑުމިނާއި، މީހުންގެ އުފަން ތާރީޚާއި އުމުރާއި ޖިންސު ފަދަ މަޢޫލޫމާތުތައް ނަގާނެއެވެ. އަދި ތަޢުލީމީ ފެންވަރާއި، އަދާކުރާ ވަޒީފާއާއި، ލިބޭ އާމްދަނީއާއި ޚަރަދުތަކުގެ ތަފްޞީލުގެ އިތުރުން ފުރަތަމަ ކައިވެނި ކުރި އުމުރާއި، ދަރިންގެ އަދަދާއި، ފުރަތަމަ ދަރިފުޅު ލިބުނު އުމުރު ފަދަ މަޢުލޫމާތުތައް އެއްކުރާނެއެވެ.

މީގެ އިތުރުން މަސައްކަތް ހިންގާ ތަންތަނުން، ތަނުގެ ރަޖިސްޓްރޭޝަން ނަންބަރުގެ މައުލޫމާތުތަކާއި، ތަނުގައި ހިންގާ މައިގަނޑު މަސައްކަތުގެ ތަފްޞީލާއި، ވަޒީފާގައި ގެންގުޅޭ މުވައްޒަފުންގެ އަދަދުގެ އިތުރަށް، ތަނުގެ އާމްދަނީއާއި ޚަރަދުގެ މަޢޫލޫމާތުތައް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ އާބާދީއާއި ބޯހިމެނުމުގެ ބައެއް މަޢުލޫމާތުތައް އޮކްޓޯބަރު 6 ވަނަ ދުވަހު ޢާއްމުކުރާނެއެވެ. އަދި މުޅި ސަރވޭގެ މަޢުލޫމާތު ހާމަކުރާނީ ޤައުމީ ތަފާސް ހިސާބުތަކުގެ ދުވަސްކަމަށްވާ އޮކްޓޯބަރު 20ގައެވެ.


ބޯހިމެނުމުގެ މަސައްކަތުގައި އެނިއުމަރޭޓަރުންގެ ގޮތުގައި 4400 މީހުން ހަރަކާތްތެރިވެއެވެ. އަދި ޓްރެއިނަރުންގެ ގޮތުގައި 100 މީހުން ހަރަކާތްތެރިވާނެއެއެވެ. މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯއިން ޓްރެއިންތައް ފެށުމަށް ނިންމާފައިވަނީ މަހުގެ 17 އިން ފެށިގެންނެވެ. މިގޮތުން އެންމެ ފުރަތަމަ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ޓްރެއިނިން އޮފް ޓްރެއިނރަސްގެ ޓްރެއިނިންތަކެވެ.

އޯގަސްޓަމްހުގެ 14 ވަނަ ދުވަހުން ފެށިގެން މާލެގައި ހަރަކާތްތެރިވާ ޓީމުގެ ތަމްރީންތައް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުުރުން އަތޮޅުތެރޭގައި ބޯހިމެނުމުގައި ހަރަކާތްތެރިވާ ޓީމްތައް ތަމްރީން ކުރުމުގެ މަސައްކަތް 4 ބުރަކަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިމަހުގެ 31 އިން ފެށިގެން އޯގަސްޓްމަހުގެ 25 އާ ހަމައަށް ތަމްރީންތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ޤުރޫޕަކަށްވެސް މި ތަމްރީންތައް ކުރިއަށްގެންދަނީ 5 ދުވަހުގެ މުއްދަތަކަށެވެ.