ވިޔަފާރި

މިލްޓް ކޮންގްރެސްގައި ރާއްޖެ އިޝްތިހާރުކުރަނީ


އިންޑިއާގައި މައިސް ޓޫރިޒަމް މާކެޓަށް ހާއްސަކޮށް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތް، މިލްޓް ކޮންގްރެސްގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެއެވެ.

މި ހަރަކާތް ކުރިއަށް ދަނީ ޖޭ ޑަބްލިއު މެރިއޮޓް މުންބާއީ ޖޫހޫގައި، މިމަހުގެ 13 އިން 14 އަށެވެ.

މިލްޓް، ނުވަތަ މައިސް އިންޑިއާ އެންޑް ލަގްޒަރީ ޓްރެވަލް ކޮންގްރެސްއަކީ އިންޑިއާގެ މައިސް އެންޑް ލަގްޒަރީ ފަތުރުވެރިކަމުގެ ހިދުމަތްތައް ބޭނުންވާ ފަރާތްތަކާއި ފޯރުކޮށްދޭ ހަރަކާތެކެވެ. މިއީ އިންޑިއާގެ 93 ބިލިއަން ޑޮލަރުގެ އައުޓްބައުންޑް ބިޒްނަސް ޓްރެވެލް މާކެޓާއި 45 ބިލިއަން ޑޮލަރުގެ އައުޓްބައުންޑް ޓޫރިޒަމް މާކެޓުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހުރި ފަތުރުވެރިކަމުގެ ހިދުމަތްތަކާއި ޕްރޮޑަކްޓްތައް މާކެޓްކުރުމުގެ ފުރުސަތު ލިއްބައިދޭ ހަރަކާތެކެވެ. ބައިނަލްއަގްވާމީ ސަޕްލައި ކުރާ ފަރާތްތަކާއި އިންޑިއާގައި މައިސްގެ ހިދުމަތް ލިބިގަންނަ ފަރާތްތަށް ބައްދަލުކުރުމަށް ފުރުސަތު، ފާއިތުވި އަހަރުތަކުގައި މިލްޓް ކޮންގްރެސް މެދުވެރިކޮށް ވަނީ ފަހިކޮށްދީފައެވެ.

މި ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރޭގައި ކޯޕަރޭޓް ޓްރެވެލްގެ ދާއިރާގެ މުހިންމު ފަރާތްތަކާއި، ހޮސްޕިޓަލިޓީ، ލެޝާ، އަދި ޓްރެވެލް އިންޑަސްޓްރީގެ ދާއިރާގެ އިންވެސްޓަރުންނާއި، އިންޑިއާގެ ޓޮޕް އައުޓްބައުންޑް ޓްރެވެލް އެޖެންސީތަކާއި، ލަގްޒަރީ ހިދުމަތްތައް ލިބިގަންނަން ބޭނުންވާ ފަރާތްތަކާއި، ފިލްމް ޕްރޮޑަކްޝަން ހައުސްތަކާއި، ޑެސްޓިނޭޝަން ވެޑިން ޕްލޭނަރުން ހިމެނެއެވެ.

އެމްއެމްޕީއާރުސީން މި ހަރަކާތުގައި ބައިވެރިވެފައިވަނީ ރާއްޖޭގައި ތަފާތު ގޮތްތަކަށް މައިސް ހަރަކާތްތައް ބާއްވަން ހުރި ފުރުސަތުތައް ވިޔަފާރީގެ ބޭނުމުގައި ދަތުރުކުރާ ފަރާތްތަކާ ހިއްސާކޮށް، މައިސް ދަތުރުތައް ރީޑިފައިން ކުރެވޭނެ ގޮތްތައް ދައްކައިދިނުމުގެ މަޤްސަދުގައެވެ. މި ހަރަކާތުގެ ޒަރިއްޔާއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި (ރިސޯޓް، ހޮޓަލް، ގެސްޓްހައުސް އަދި ލިވަބޯޑް) ޖަޒީރާ ރަށްތަށް ގުދުރަތީ ގޮތުން އުފެދިފައިވާގޮތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ އެކަހެރިކަމާއި ރައްކާތެރިކަމާއި ތަފާތު ތަޖުރިބަތަކުގެ އިތުރުން މަންޒިލުގެ ހުރިހާ ސެގްމަންޓުތައް މާކެޓް ކުރެވާނެއެވެ.

މި ފެއަރގައި އެމްއެމްޕީއާރުސީއިން ބައިވެރިވެފައިވަނީ އިންޑިއާ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް، މަންޒިލް އިޝްތިހާރުކުރުމަށް ހާއްސަކޮށް އެކުލަވާލާފައިވާ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓަޖީ ބިނާކޮށްފައިވަނީ އިންޑިއާގެ މައި ސިޓީތަކުގައި ރާއްޖެ އިޝްތިހާރުކޮށް، ރާއްޖޭގެ ފަތުރުވެރިކަން ލަގްޒަރީ މާކެޓުގައި އިޝްތިހާރުކުރެވޭނެ ގޮތްތައް ރާއްޖެ އިޝްތިހާރުކުރުމަށެވެ.

2020 އަދި 2021 ވަނަ އަހަރާއި މިއަހަރުގެ މިހާތަނަށްވެސް އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ މާކެޓެވެ. 2020 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް 62،960 (ފަސްދޮޅަސް ދެހާސް ނުވަ ސަތޭކަ ފަސްދޮޅަސް) ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ އެ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ %11.3 އެވެ.

2021 ވަނަ އަހަރު އެ ޤައުމުން 278،740 (ދެލައްކަ ހަތްދިހަ އަށްހާސް ހަތް ސަތޭކަ ސާޅިސް) ފަތުރުވެރިން އައިސްފައިވެއެވެ. މިއީ އެއަހަރު ރާއްޖެ އައި ފަތުރުވެރިންގެ %22.6 އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 123،687 (އެއްލައްކަ ތޭވީސްހާސް ހަ ސަތޭކަ އަށްޑިހަ ހަތް) ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ %14.8 އެވެ.