ވިޔަފާރި

އިޓަލީގެ ޤައުމީ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށަނީ


އިޓަލީގެ ޤައުމީ އެއަރލައިން އިޓަލިއާ ޓްރާންސްޕޯޓޯ އެއިރޯ އެއަރވޭސް (އައިޓީއޭ އެއަރވޭސް) ގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.

މި އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާނީ އަންނަ ޑިސެމްބަރ މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ.

އައިޓީއޭ އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ އިޓަލީގެ ރޯމްއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. މި ދަތުރުތަކުގައި ޓިކެޓް ނަގަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.

އިޓަލީގެ ޤައުމީ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށަނީ ފިނި މޫސުމާއި ދިމާކޮށެވެ. އެގޮތުން ޑިސެމްބަރ 17 ގައި ދަތުރުތައް ފަށާއިރު މި ދަތުރުތައް އަންނަ އަހަރުގެ މާރޗް މަހުގެ 26 އާއި ހަމައަށް ކުރާނެކަމަށް އެ އެއަރލައިނުން ބުނެއެވެ.

ޑިސެމްބަރ މަހު ދަތުރުތައް ފަށައިގެން ޖަނަވަރީ 22 އާއި ހަމައަށް ކޮންމެ ހަފްތާއަކު 3 ދަތުރުކުރާނެކަމަށް އެ އެއަރލައިނުން ބުނެއެވެ. އަދި އޭގެ ފަހުން މާރޗް މަހާއި ހަމައަށް ކުރާނީ ހަފްތާއަކު 2 ދަތުރެވެ.

އައިޓީއޭ އެއަރވޭސްއިން މިހާރުވެސް އަންނަނީ ބައިނަލްއަޤްވާމީ 33 މަންޒިލަކަށް ދަތުރުކުރަމުންނެވެ. އިޓަލީއަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެކެވެ. އަދި ޙާއްސަކޮށް އަހަރުގެ ފަހުކޮޅަކީ ފަތުރުވެރިން ގިނައިން ރާއްޖެއަށް އަންނަ ހައި ސީޒަން ދުވަސްކޮޅެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިޓަލީއަކީ އަހަރުގެ މިހާތަނަށް ރާއްޖެއަށް 5 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. ޖުލައި 5 ވަނަ ދުވަހާއި ހަމައަށް އެ ޤައުމުން ރާއްޖެއަށް 49،828 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ %5.9 އެވެ. އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ 838،225 ފަތުރުވެރިންނެވެ.