ޚަބަރު

އިންޖިނިއަރިންގ ދާއިރާއިން އިންޑިއާއިން ކިޔެވުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް


އިންޖިނިއަރިންގެ ދާއިރާއިން ދިވެހި ދަރިވަރުން ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެއާއި އިންޑިއާގެ ޖެއިން ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ސްކޮލަރޝިޕްގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ޙަސަންއެވެ. އަދި އެ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޗާންސެލަރ ޑރ.ޗެންރާޖް ރޮއިޖަންދްއެވެ.

މި އެއްބަސްވުމުގެ ދަށުން އިންޖިނިއަރިންގެ ދާއިރާއިން އަންޑަރ ގްރެޖުއޭޓްގެ 25 ސްކޮލަރޝިޕްއެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އެއްބަސްވުމަކީ 5 އަހަރުދުވަހުގެ އެއްބަސްވުމެކެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވަނީ އިންޑިއާގެ ކަރްނާޓަކާގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އަޝްވަތް ނާރާޔަންއާ ބައްދަލުކުރައްވާއެވެ. މި ބައްދަލުކުރެއްވުމުގައިި އެ ސިޓީގައި ސިކްލިސް ޑިވެލޮޕްމަންޓް ދާއިރާއިން ދިވެހި ދަރިވަރުންނަށް ހުރި ފުރުޞަތުތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމްގެ ފުރުޞަތުތައް ހޯދުމުގެ މަސައްކަތްތައް ސަރުކާރުން ކުރައްވަމުން އަންނައިރު ލޯނުގެ ފުރުޞަތުތަކާއި ސޮކޮލަރޝިޕްގެ ފުރުޞަތުތައް އަންނަނީ ފަހިކޮށްދެމުންނެވެ. މިގޮތުން ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން ކިޔެވުމުގެ ފުރުޞަތުތައް އަންނަނީ ފަހިކޮށްދެމުންނެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއާއި ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއިންވެސް މީހުން ބިނާ ކުރުމަށްޓަކައި ސްކޮލަރޝިޕްގެ ފުރުޞަތުތައް ވަނީ ފަހިކޮށްދީފައެވެ. މީގެ ތެރޭގައި އިނގިރޭސިވިލާތް ،ޖަޕާން، ހަންގޭރީ ފަދަ ޤައުމުތައް ހިމެނެއެވެ.

މިގޮތުން މިހާރުވެސް ވަނި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވެވަޑައިގެންނެވި ތައުލީމީ ޖީލެއް ބިނާކުރުމުގެ ވަޢުދާ އެއްގޮތަށް ދުނިޔޭގެ އެކި ޤައުމުތަކުގައި ޙަރަކާތްތެރިވާ ދިވެހި ކޮންސުލްތަކުގެ ސްކޮލަޝިޕް ސްކީމް އިފްތިތާހުކޮށްފައެވެ. މި ސްކީމުގެ ދަށުން 7 އޮނަރަރީ ކޮންސަލްއަކުން ވަނީ 44 ސްކޮލަޝިޕް ފުރުސަތު ފަހިކޮށްދެއްވާފައެވެ.