ޚަބަރު

މިއަހަރުގެ ބޯހިމެނުން - ދުނިޔޭގެ އާބާދީ ދުވަހާ ގުޅުވާލައިގެން


މިއަހަރުގެ ސެޕްޓެމްބަރު މަހު ކުރިއަށްގެންދާ ބޯހިމެނުގެ މަސައްކަތްތައް ކުރިއަށްގެންދަން ނިންމާފައިވަނީ ދުނިޔޭގެ އާބާދީ ދުވަހުގެ ޝިއާރާ ގުޅުވައިގެންނެވެ. ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 11 ވަނަ ދުވަހެވެ.

މިއަހަރުގެ ދުނިޔޭގެ އާބާދީ ދުވަހުގެ ޝިއާރަކީ "އަ ވޯލްޑް އޮފް 8 ބިލިޔަން: ޓުވާޑްސް އަ ރެސިލިއެންޓް ފިއުޗަރ ފޯ އޯލް - ހަރނެޝިން އޮޕަރޗިއުނިޓީސް އެންޑް އެންޝުއަރިން ރައިޓްސް އެންޑް ޗޮއިސަސް ފޯ އޯލް" ނުވަތަ "8 ބިލިއަން މީހުންގެ ދުނިޔެއެއް: ކެތްތެރި މުސްތަޤުބަލަކާ ދިމާއަށް، ފުރުޞަތުތައް ބޭނުންކޮށް އެންމެންނަށް ޙައްޤުތަކާއި އިޚްތިޔާރުތައް ކަށަވަރުކުރުން" މިއެވެ.

ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފަވަނީ 2014 ވަނަ އަހަރުއެވެ. ބޯހިމެނުމުގެ މަސައްކަތަކީ ރާއްޖޭގެ އާބާދީ ދެނެގަނެ، ކުރިމަގުގައި ކަންކަން ރޭވުމުގައި ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ރާއްޖޭގެ ތަފާސްހިސާބާބެހޭ ޤާނޫނުން ލާޒިމުކުރަނީ ކޮންމެ 10 އަހަރަކުން 1 އަހަރު މުޅި ރާއްޖެ ހިމެނޭހެން ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށެވެ.

މިގޮތުން 2022 ވަނަ އަހަރު ބޯހިމެނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 13 އިން 25 ވަނަ ދުވަހުގެ ނިޔަލަށެވެ. 13 އަދި 14 މި ދެދުވަހު ބޯހިމެނުމުގެ މަސައްކަތަށް ލިސްޓްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރާނެއެވެ. އަދި 17 ވަނަ ދުވަހުން ފެށިގެން ގޭގެއަށްގޮސް މަޢުލޫމާތުތައް އެއްކުރުމުގެ މަސައްކަތްތައް ކުރާނެއެވެ.

މިއަހަރުގެ ބޯހިމެނުމުގެ މަސައްކަތުގައި ބޭނުންކުރަން ކަނޑައަޅާފައިވާ ޝީއާރަކީ "ކައުންޓް މީ އިން" ނުވަތަ "އަހަރެންވެސް ބައިވެރިވާނަން" މި ޝިއާރެވެ.

ބޯހިމެނުމަށް ތައްޔާރުވުމުގެ ގޮތުން ސްޓެޓިސްޓިކްސް ބިއުރޯއިން ވަނީ ޖޫން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް ޕައިލެޓް ސެންސަސް ޕްރޮގްރާމެއްވެސް ކުރިއަށްގެންގޮސްފައެވެ. މިއީ ބޯހިމެނުމުގެ ހަރަކާތުގެ މުޅި މަރުޙަލާ ކުރިއަށްދާގޮތް ޓެސްޓުކޮށް ބަލާ، އިތުރަށް ރަނގަޅުކުރަން ނުވަތަ ހަރުދަނާކުރަންޖެހޭ ކަންކަން ދެނެގަތުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މިއަހަރުގެ ބޯހިމެނުގައި އާންމު ފަރުދުންގެ ފަރާތުން ދިރިއުޅޭ ތަނާއި ބެހޭ މައުލޫމާތުތަކާއި، ދިރިއުޅޭ ތަނުގެ ބޮޑުމިނާއި، މީހުންގެ އުފަން ތާރީޚާއި އުމުރާއި ޖިންސު ފަދަ މަޢޫލޫމާތުތައް ނަގާނެއެވެ. އަދި ތަޢުލީމީ ފެންވަރާއި، އަދާކުރާ ވަޒީފާއާއި، ލިބޭ އާމްދަނީއާއި ޚަރަދުތަކުގެ ތަފްޞީލުގެ އިތުރުން ފުރަތަމަ ކައިވެނި ކުރި އުމުރާއި، ދަރިންގެ އަދަދާއި، ފުރަތަމަ ދަރިފުޅު ލިބުނު އުމުރު ފަދަ މަޢުލޫމާތުތައް އެއްކުރާނެއެވެ.

މީގެ އިތުރުން މަސައްކަތް ހިންގާ ތަންތަނުން ތަނުގެ ރަޖިސްޓްރޭޝަން ނަންބަރުގެ މައުލޫމާތުތަކާއި، ތަނުގައި ހިންގާ މައިގަނޑު މަސައްކަތުގެ ތަފްޞީލާއި، ވަޒީފާގައި ގެންގުޅޭ މުވައްޒަފުންގެ އަދަދުގެ އިތުރަށް، ތަނުގެ އާމްދަނީއާއި ޚަރަދުގެ މަޢޫލޫމާތުތައް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ބޯހިމެނުމުގެ މަސައްކަތަށް ޖުމްލަ 4،400 މީހުން ބޭނުންވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވިދާޅުވެއެވެ. މި މަސައްކަތަށް އަތޮޅުތަކަށް 1،991 ބޭނުންވެއެވެ. މާލެ ސަރަހައްދަށް ބޭނުންވަނީ 2،409 މީހުންނެވެ. މި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް ދިނުމަށް ހަމަޖެހިފައިވާ ތަމްރީނަށް ނިކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. ތަމްރީނު ކުރިއަށްދާނީ އެއް ހަފްތާގެ މުއްދަތަށެވެ.

ރާއްޖޭގެ އާބާދީއާއި ބޯހިމެނުމުގެ ބައެއް މަޢުލޫމާތުތައް އޮކްޓޯބަރު 6 ވަނަ ދުވަހު ޢާއްމުކުރާނެއެވެ. އަދި މުޅި ސަރވޭގެ މަޢުލޫމާތު ހާމަކުރާނީ ޤައުމީ ތަފާސްހިސާބުތަކުގެ ދުވަސްކަމަށްވާ އޮކްޓޯބަރު 20 ގައެވެ.